16 Jun 2015, 21:37
ރާއްޖޭގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމު މިރޭ "ސަން" އަށް ވިދާޅުވީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާތައް ކަނޑައަޅާ ފައިސާތައް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފައިސާ ދިނުން ލަސްވެފައި ވަނީ އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ 7 ސިޔާސީ ޕާޓީއެއް އޮތްއިރު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ.
އެޕާޓީގައި 46،608 މެމްބަރުން އެބަ ތިއްބެވެ. އެހެންކަމުން މެމްބަރުންގެ އަދަދަށް ބަލާއިރު މި އަހަރު ވެސް އެންމެ ގިނައިން ފައިސާ ލިބެނީ އެޕާޓީ އަށެވެ. އެޕާޓީއަށް ހަތް މިލިއަން ރުފިޔާ ލިބެ އެވެ.
ދެވަނަ އަށް އެންމެ މީހުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގައި އެވެ. އެޕާޓީގައި 36،236 މެމްބަރުން ތިބިއިރު އެޕާޓީ އަށް ދިނުމަށް ހަމަޖެހިފައި ވަނީ 5.4 މިލިއަން ރުފިޔާ އެވެ.
ތިންވަނަ އަށް އަދިވެސް އެންމެ މީހުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ ކުރީގައި ރާއްޖޭގެ އެންމެ މީހުން ގިނަ އެއް ޕާޓީއެއްގެ ގޮތުގައި އޮތް ޑީއާރުޕީ އެވެ. އެޕާޓީގައި 14،750 މެމްބަރުން އެބަ ތިއްބެވެ. އެހެންކަމުން އެޕާޓީއަށް 2.2 މިލިއަން ރުފިޔާ ލިބެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 13،990 މެމްބަރުން ތިބިއިރު މެމްބަރުންގެ ނިސްބަތުން އެޕާޓީ އަށް 2.1 މިލިއަން ރުފިޔާ ލިބެ އެވެ.
މެމްބަރުންގެ ނިސްބަތުން އަދާލަތު ޕާޓީއަށް ދޫ ކުރުމަށް ނިންމާފައި ވަނީ 1.3 މިލިއަން ރުފިޔާ އެވެ. އެޕާޓީގައި 9000 މެމްބަރުން ރަޖިސްޓުރީ ކޮށްފައިވެ އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގައި 7،666 މެމްބަރުން ތިބިއިރު މެމްބަރުންގެ ނިސްބަތުން އެއް މިލިއަން ރުފިޔާ އެޕާޓީއަށް ލިބެ އެވެ.
އެންމެ މީހުން މަދު ޕާޓީއެއްގެ ގޮތުގައި އިސްލާމިކު ޑިމޮކުރަޓިކު ޕާޓީ (އައިޑީޕީ) އޮތް އިރު އެޕާޓީއަށް 300،000 ރުފިޔާ ލިބެ އެވެ. އެޕާޓީގައި ރަޖިސްޓުރީ ކޮށްފައި ތިބީ 2148 މެމްބަރުން ނެވެ.