މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމުގެ އަސްލަކީ ކީރިތި ރަސޫލާގެ ސުންނަތުން މުސްލިމުން އެއްކިބާވެގެން ދިއުން ކަމަށް ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ޙަސަން މުސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާގެ ސިޔާތުގެ މައްޗަށް ސަލަފުން މި ރަމްޟާން މަހު ކޮންމެ ދުވަހަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ސީރަތުގެ ހިޔަލުގައި' ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ސީރީސްގައި ވާހަކަ ދައްކަވަމުން ފިކުރީ ވިދާޅުވީ ކީރިތި ރަސޫލަގެ ސިޔަރަތުން ދިރިއުޅުމުގެ ހުރިހާ މައިދާނަކަށްވެސް ފިލާވަޅު ލިބޭނެ ކަމަށާއި ރަސޫލާގެ ސުންނަތުގައި ހިފައިގެން ނޫނީ މުސްލިމުންނަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

"ކީރތި ރަސޫލާއަކީ ފިރިއެއް. އެކަލޭގެފާނަކީ ބައްޕައެއް. އެކަލޭގެފާނަކީ ސިޔާސީ ލީޑަރެއް. އެކަލޭގެ ފާނަކީ އަސްކަރީ ލީޑަރެއް. އެކަލޭގެފާނަކީ ގާޒީއެއް. އެކަލޭގެފާނުގެ ދިރިއުޅުމުން ދިރިއުޅުމުގެ ކޮންމެ މައިދާނަކަށް ވެސް ފިލާވަޅު ލިބިގެންދާނެ،" ފިކްރި ވިދާޅުވި އެވެ.

ޝައިޚް ފިކްރީ ވިދާޅުވީ މުސްލިމުން ކީރިތި ޤުރުއާން އުނގެނެން ޖެހޭފަދައިން ރަސޫލާގެ ސިޔަރަތު އުނގެނެން ޖެހޭކަމަށެވެ.

"މުސްލިމެއްގެ އީމާންކަން ފުރިހަމަވެގެން ދާނީ ތިމާގެ އަމިއްލަ ނަފުއްސައްވުރެ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ވެސް ރަސުލާދެކެ ލޯބިވެގެން،" ޝައިޚް ފިކުރީ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވީ މިއަދު ލޯބި ގުރުބާން ކުރަނީ ތިމާ ސަޕޮޓްކުރަ ސިޔަސީ ފިކުރަކަށް ކަމަށާއި ނުވަތަ ތިމަ ލޯބިވާ ޕާޓީއަކަށް ކަމަށެވެ.

ސަލަފުން ކުރިއަށްގެންދާ "ސީރަތުގެ ހިޔަލުގައި" ޕްރޮގުރާމްގެ ބެނާ. މިޕްރޮގުރާމްގައި ނުވަ އިލުމްވެރިޔަކު ވާހަކަ ދައްކަގޮތަށް ހަމަޖެހިފައިވާކަމށް ސަލަފުން ބުނޭ --- ސަން ފޮޓޯ/ ޙުސައިން ހަބީބު

ސަލަފުގެ މި ސީރީސްއާ ބެހޭ ގޮތުން "ސަން"އާ ވަހަކަދެއްކެވި ސަލަފުގެ އޮފިޝަލެއް ވިދާޅުވީ ކޮންމެ ދުވަހަކު އަޞްރު ނަމާދަށްފަހު 30 މިނެޓް ވަންދެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ސީރީސްގައި އެކިއެކި ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. ސަލަފުން ވަނީ އެ ސީރީސްއަށް ނުވަ ޢިލުމުވެރިޔަކު ހަމަޖައްސާފަ އެވެ.