19 Jun 2015, 17:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ޔޫއެންގެ ރިޕޯޓަކަށް މައުލޫމާތު ދިނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، މިދިޔަ އަންގާރަދުވަހު ކުރި ހުކުމާއި މެދު އަލުން ވިސްނުމަށް، ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) ގެ އިސް ދެ ބޭފުޅަކު ގޮވާލައިއްވައިފިއެވެ.
ޔޫއެން އިން މިއަދު ބުނީ ހުކުމާއި މެދު އަލުން ވިސްނުމަށް ސުޕްރީމްކޯޓަށް ގޮވައިލެއްވީ ޔޫއެން ސްޕެޝަން ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ގަބްރިއެލާ ނައުލް އާއި ސްޕެޝަލް ރެޕަޓުއާ އޮން ދަ ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް ޑިފެންޑާސް މިޝޭލް ފޯސްޓް ކަމަށެވެ.
"ގަބްރިއެއްލާ ނައުލް އާއި މިޝޭލް ފޯސްޓް ވިދާޅުވެފައި ވަނީ " ސްޕްރީމް ކޯޓުގެ ހުކުމަކީ ޔޫއެންގެ ހިއުމަން ރައިޓްސް ސިސްޓަމާއި އެކު ބާއްވަން ގާނޫނުން ހުއްދަކުރާ އެއްބާރުލުން ބޭއްވުމުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ކިބައިން ބަދަލު ހިފުމަށް ކޮށްފައިވާ ހުކުމެއް" ކަމަށެވެ.
އެދެބޭފުޅުން އަދި ވިދާޅުވެފައި ވަނީ ސުޕްރީމްކޯޓުގެ ހުކުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން މިނިވަން ކަމާއި އެކު ކުރަން ޖެހޭ މަސަސއްކަތަށް ހުރަސްއެޅުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
އެޗްއާރްސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުޕުރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ބެލުމަށްފަހު އިއްވި ހުކުމްގައި އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑްލައިން ވަނީ ކަނޑައަޅާފައެވެ.
ސުޕުރީމު ކޯޓުން އެކުލަވާލި ގައިޑްލައިންގައި ވާގޮތުން އެޗްއާރުސީއެމްގެ ފަރާތުން ހިންގާ ހުރިހާ ކަމެއް ހިންގަން ވާނީ އެކަން ހިނގަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ކަށަވަރުކުރުމަށް ފަހު އެވެ. އަދި އިންސާނީ ހައްގުގެ ދިފާއުގައި ކުރާ ކޮންމެ ކަމަކީ ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަމަށް ބުރޫއެރިޔަ ނުދޭން ކުރެވޭ ކަމަކަށްވާން ޖެހޭނެ ކަމަށްވެސް އެ ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.