21 Jun 2015, 00:30
ގއ. ކޮނޑޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން "ސަން" އަށް ވިދާޅުވީ، ކޮނޑޭގައި މާރާމާރީ ހިންގަން އުޅުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު އެ ރަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ވަނަވަރެއް ފުލުހުން ނުދެއްވަ އެވެ.
ކޮނޑޭ ކައުންސިލްގެ ރައީސް ޝިޔާމް މުހައްމަދު ވިދާޅުވީ، އެ މާރާމާރީ ފެށުނީ ރޭ އެރަށުގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން ކަމަށެވެ. އަދި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން މަސައްކަތްކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރަން މަސައްކަތްކޮށްފައި ވަނީ ދަގަނޑުން ހަދާފައި ހުރި "ހަންޖަރެއް" ޒާތުގެ ދެ އެއްޗެއް ކަމަށެވެ.
ތޫނިހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން މަސައްކަތް ކުރުމުގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންވި ދެ މީހަކު މިރޭ 8:00 ހާއިރު އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.