އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެޓީމަށް ކުޅުނު 100 ވަނަ މެޗްގައި ޖަމައިކާގެ މައްޗަށް 1-0 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި ކޮޕާ އެމެރިކާގެ ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ކްއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގުރުޕް ބީ ގައި އާޖެންޓީނާ ކުޅުނު ފަހު މެޗްގައި އެޓީމު މޮޅުވި ލަނޑު ޖަހައިދިނީ ނަޕޯލިގެ ފޯވަޑް ގޮންޒާލޯ ހިގުއަންއެވެ.

އޭނާ މިލަނޑު ކާމިޔާބުކުރީ މެޗްގެ 11 ވަނަ މިނެޓްގައެވެ.

މިމެޗަށް ނިކުތް އިރުވެސް އާޖެންޓީނާ އޮތީ ކްއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް މެޗުން މޮޅުވުމުން ކްއާޓާފައިނަލްގައި ވާދަވެރި ބްރަޒިލްއާ ވާދަ ކުރަން ނުޖެހޭނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފައެވެ.

ކްއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރުން އެންމެ ގާތީ ގުރޫޕް ސީ ގެ ދެ ވަނައިގައި އޮތް ޕެރޫއާ ދެކޮޅަށެވެ.

ގްރޫޕް ސީގެ އެންމެ ފަހު މެޗްތައް މިރޭ ކުޅޭ ގޮތަށް ވަނީ ހަމޖެހިފައެވެ.

ރޭ ގްރުޕް ބީ ގައި ދެން ހިމެނޭ ދެޓީމް ކަމުގައިވާ އުރުގުއޭއާ ޕެރަގުއޭ ކުޅުނު މެޗް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

މިދެޓީމްވެސް ވަނި ކްއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުން ވި ބައްޔާއެކު ޖަމައިކާއަށްވަނީ މިހާރު މުބާރާތް ނިމިފައެވެ.