ދަވްޙާ (ޖޫން 22): މިނިވަން ނޫސްވެރިކަމާ ދެކޮޅަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރުން ހިންގާ ހަރުކަށި އަމަލުތަކުގެ ބައިވެރިއެއްކަމަށް ޖަރުމަނު ވަނީތޯ ސުވާލުއުފައްދަވައި އަލްޖަޒީރާގެ ޑައިރެކްޓަރު ޖެނެރަލް މުސްތަފާ ސުވާގް ޖަރުމަނު ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނޫސްވެރިން ހައްޔަރު ކުރުމާ އަދި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާގުޅޭ މައްސަލަތަކުގައި ހުތުރު ރެކޯޑެއް އޮންނަ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ނިޒާމުގެ އެދުމަކަށް ޖަރުމަނުން އަލްޖަޒީރާގެ ސީނިއަ މުރާސިލް އަޙްމަދު މަންސޫރު ހައްޔަރުކުރި މައްސަލައިގައި އަލްޖަޒީރާގެ ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ، ޖަރުމަން ސަރުކާރުގެ މި އަމަލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް އެގައުމުން އިޙްތިރާމްކުރާ މިންވަރާމެދު ސުވާލުއުފެދިފައިވާ ކަމުގައެވެ.

ޖަރުމަނުގެ ފުލުހުން އަލްޖަޒީރާގެ ސީނިއަ މުރާސިލް އަޙްމަދު މަންސޫރު ހައްޔަރުކުރީ ބާރލިން އިން ގަތަރުގެ ވެރިރަށް ދަވްޙާއަށް ފުރަން އުޅެނިކޮށް ބާލިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއަށްފަހު ޖަރުމަނުގެ ފަނޑިޔާރަކުވަނީ އަހްމަދު މަންސޫރުގެ މައްސަލަބަލަންދެން އޭނާ ޖަލުގައި ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.

އަލްޖަޒީރާ ޚަބަރުދޭގޮތުގައި އަޙްމަދު މަންސޫރު ބަންދުގައި ބެހެއްޓުމަށް ޖަރުމަނުގެ ފަނޑިޔާރަކު އަމުރުކުރައްވާފައިވާއިރު އޭނާ މިސްރާ ޙަވާލުކުރުމާމެދު ގޮތެއްނިންމުމަށް ޖަރުމަނުގެ ހައިކޯޓުގައި މިއަދު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމުގައެވެ.

މިސްރުގެ ސީސީގެ ސަރުކާރުން އަހްމަދު މަންސޫރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތެވެ. މި ތުހުމަތުގައި ސީސީގެ ސަރުކާރުން އަހްމަދު މަންސޫރުގެ މައްޗަށް ދައުވާކުރުމުން، ގާހިރާގެ ޖިނާއީ ކޯޓުންވަނީ 10 އަހަރަށް ޖަލަށްލުމުގެ ހުކުމެއް ޣައިރު ޙާޒިރުގައި މަންސޫރުގެ މައްޗަށްކުރުމަށްފަހު އޭނާ ހައްޔަރުކޮށް މިސްރާ ޙަވާލުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައި ކޯޓު އަމުރެއްވެސް ނެރެފައެވެ. ނަމަވެސް އަޙްމަދު މަންސޫރު ހައްޔަރު ކުރުމުގެ އަމުރެއް އިންޓަޕޯލް އިން ނެރެފައިނުވާ ކަމަށް ޚަބަރު ލިބެއެވެ.

އަޙްމަދު މަންސޫރަކީ އަލްޖަޒީރާގައި މަސައްކަތްކުރާ މިސްރުގެ ރައްޔިތެކެވެ. ނަމަވެސް އޭނާއަށް އިނގިރޭސިވިލާތުގެ ޕާސްޕޯޓްވެސް ލިބިފައިވެއެވެ. އަޙްމަދު މަންސޫރަކީ މިސްރުގެ ރައީސް ސީސީގެ ވެރިކަމުގެ ނިޒާމަށް ފާޑުކިޔާ ނޫސްވެރިއެއްކަން މިސްރު ސަރުކާރުން ފާހަގަކޮށްފައިވާ ނޫސްވެރިއެކެވެ.

ޖަރުމަނުގެ ފުލުހުން އަހްމަދު މަންސޫރު ހައްޔަރުކުރި މައްސަލާގައި ޖަރުމަނުގެ ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ޖަމްއިއްޔާތަކުންވަނީ އެންގެލާ މާކަލްގެ ސަރުކާރު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

"ސީސީފަދަ ޑިކްޓޭޓަރެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ކޯޓެއްގެ އަމުރަށް ޖަރުމަނުން އިޖާބަދީ މިނިވަން ނޫސްވެރިކަމަށް އަރައިގަތުމުން މިނިވަން ނޫސްވެރިކަމަށް އެންގެލާ މާކަލްގެ ސަރުކާރު އިޙްތިރާމް ކުރާމިންވަރު އެނގިއްޖެ" ކަމަށްބުނެ ޖަރުމަނުގެ ނޫސްވެރިންނާއި ދުނިޔޭގެ ނޫސްވެރިންގެ ޖަމްއިޢްޔާތަކުންވެސް ޖަރުމަނުގެ މި އަމަލުވަނީ ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ.

މި މައްސަލައިގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުދުދުޣާންވެސް ވަނީ ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އަށް ވަރަށްބޮޑަށް ފާޑުވިދަޅުވެފައެވެ.

އުރުދުޣާން ވަނީ ޖަރުމަނުގެ ސަރުކާރުން އަހްމަދު މަންސޫރު ހައްޔަރުކުރީ "މިސްރުގެ ޑިކްޓޭޓަރު" އަބްދުލްފައްތާޙް އައްސީސީގެ ސީދާ އެދިވަޑައިގަތުމަކަށް ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)