22 Jun 2015, 13:46
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ތިން ވަޒީރަކަށް ކޮމިޓީން ރުހުން ދީފި އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ ބުދަ ދުވަހު ރުހުން ދީފައިވާ ތިން ވަޒީރުންނަކީ ޔޫތު މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހ. އާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހަލަވެލި، ބ. އޭދަފުށި ޑރ. އަހުމަދު ޒިޔާދުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހ. އޯކިޑު އިރުތިޝާމާ އާދަމް އެވެ.
އެ ތިން ބޭފުޅުންނަށް ވެސް ކޮމިޓީ އަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.
ކުރީގެ ހެލްތު މިނިސްޓަރަކަށް ހުންނެވި ޒުހޫރު ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޔޫތު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު ވަކި ކުރައްވުމަށް ފަހު އެވެ.
ހެލްތު މިނިސްޓަރު ކަމަށް އިރުތިޝާމާ ހަމަޖައްސާފައި ވަނީ ޔޫތު މިނިސްޓަރު ކަމަށް ޒުހޫރު ހަމަޖެއްސެވި ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޒިޔާދު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދުޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވުމުން ނެވެ. ޒިޔާދު އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ.