ޔޯގާއަކީ އެއްވެސް ދީނަކާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ރާއްޖޭން ލިބުނު ތަރުހީބު ބޮޑުކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ބައިނަލް އަގުވާމާ ޔޯގާ ދުވަހުގެ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ ޔޯގާއަކީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށެވެ.

"...އިންޑިއާގައި ޔޯގާއަކީ ސަގާފަތުގެ ބައެއް. އެއީ ފުރާނައާއި ވިސްނުމާއި ހަށިގަނޑު ގުޅުވައިލުން. ޔޯގާ ޕްރެކްޓިސް ކުރާ އިރު އެއީ ހަމަ އެކަނި ޖިސްމާނީ ކަމެއް ނޫން. ޑަބްލިއުއެޗްއޯ އިން ވެސް ބުނަނީ ސިއްހަތު ރަނގަޅު މީހާއަކީ ހަމަ އެކަނި ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހާއެއް ނޫނޭ. އެއީ ނަފުސާނީ ދުޅަހެޔޮކަން ވެސް މެއޭ. އެއީ ޖިސްމާނީ އަދި ނަފުސާނީ ބައި ހިމެނޭ ގޮތުން ފުރިހަމަ ދުޅަހެޔޮކަން. ޔޯގާ ދަނީ އެއަށް ވުރެ ތަންކޮޅެއް ދުރަށް، އެއީ ފުރާނައިގެ ބައި ހިމަނައިގެން. އެއީ ވަރަށް ސެކިއުލާ ކަމެއް. އެއީ އެއްވެސް ދީނަކާ ގުޅުމެއް ހުރިކަމެއް ނޫން،" ޝަހާރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާގަހަކުރުމަށް ރާއްޖޭގައި ހިންގި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިނގިލިން 150 އަށް ވުރެ ގިނަ މީހުން ހަރަކާތްތަކުގައި ބައިވެރިވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.