23 Jun 2015, 11:09
ކޮންމެ އަހަރަކު ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބާޒާރުމަތި ބާރުބޮޑު ދުވަހެކެވެ. އެހެންނަމަވެސް މި އަހަރު އެކަން ދިގުލައިގެން ދިޔަ އެވެ. ރޯދަ މަހުގެ ފުރަތަމަ ތިން ދުވަހު ވެސް ބާޒާރުގެ ހަލަބޮލިކަން ވަރަށް ބޮޑެވެ. އޭގެ އެއް ސަބަބަކީ މުލަ ރޯދަ ދުވަސް ބުރާސްފަތި ދުވަހާއި ދިމާވުމުން ރޯދަ މަހުގެ ފުރަތަމަ ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށްވުމެވެ.
ބާޒާރު މަތީގައި ޚާއްސަކޮށް ލޯކަލް މާރުކޭޓް ސަރަހައްދު ބާރުބޮޑުވާން ދިމާވި އަނެއް ސަބަބަކީ ދަތުރުވެރިންގެ މާރުކޭޓުގައި ހިންގަމުން އައި ގޮޅިތައް ވަގުތީ ގޮތުން ލޯކަލް މާރކޭޓް ސަރަހައްދަށް ބަދަލުކުރުމެވެ. އެހެންކަމުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ހުރި ގޮޅިތަކާއި މަސްމާރުކޭޓް އެއް ސަރަހައްދެއްގައި ހުރުމުން ކުރީ ރޯދަ މަސްތަކަށް ވުރެ އެތައް ގުނައެއް ކާރޫބާރު ބޮޑުވި އެވެ.
"މިއުޅެނީ އެެއްގޮތަކަށް ވެސް ކުރިއަށް ނުގޮސްގެން." ރޯދަ މަހު ފުރަތަމަ ދުވަހު ލޯކަލް މާރުކޭޓަށް ގޮސް ހުރި މީހަކު ބުންޏެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު ޓްރެފިކް ފުލުހުން ވެސް ވަނީ އެކެއް ނުޖަހަނީސް ޓްރެފިކް ބަލަހައްޓަން ފަށައިފަ އެވެ.
އެހެންނަމަވެސް މިހާރު މިވަނީ މަންޒަރު ބަދަލުވެފަ އެވެ. ދަތުރުވެރިންގެ މާރުކޭޓް އަލުން ހުޅުވުމުން އެއް ސަރަހައްދަކަށް މީހުން ތޮއްޖެހުން ކޮންމެވެސް ވަރަކަށް މަދު ވެއްޖެ އެވެ. އެހެންނަމަވެސް ލޯކަލް މާރުކޭޓް ސަރަހައްދުގައި އަދި ވެސް ދަތުރުވެރިންގެ މާރުކޭޓަށް ބަދަލުނުކޮށް ގިނަ ގޮޅިތަކެއް އެބަހުއްޓެވެ.
ބާޒާރުގެ ހަލަބޮލި ކަމާއި އަގުތަކާއި އޮންނަ ގުޅުން
ބާޒާރުގެ ހަލަބޮލި ކަމާއި އަގުތަކާއި ވަރަށް ބޮޑު ގުޅުމެއް އޮވެ އެވެ. ބާޒާރަށްދާ މީހުން ގިނަވާ ވަރަކަށް ނުވަތަ ޑިމާންޑް އިތުރުވާވަރަކަށް ތަކެތީގެ އަގު އުފުލޭނެ އެވެ. އަގަށް ބަދަލު ގެންނަ އަނެއް ކަމަކީ ސަޕްލައި އެވެ. ބާޒާރަށް ވަކި ބާވަތެއް މަދުން ގެންނަ ކަަމަށްވަންޏާ އޭގެ އަގު އުފުލޭނެ އެވެ. ބާޒާރުގެ ތަކެތީގެ އަގަށް ބަލާ އިރު ޖުމްލަ ގޮތެއްގައި ރޯދަ މަސް ކުރިއަށްދާ ވަރަކަށް ތަކެތީގެ އަގު ދާނީ ހެޔޮވަމުންނެވެ. އެހެންނަމަވެސް ސަޕްލައި އަންނަ ބަދަލާ އެކު ބައެއް ބާވަތްތައް އިސްތިސްނާވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮންމެއަކަސް ބާޒާރުގެ ހަލަބޮލިކަން މިވަނީ ކުޑަވެފަ އެވެ. އުންމީދަކީ އަގުތައް ވެސް ކުޑަ ވުމެވެ.