ކާބުލް (ޖޫން 23) : ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެގެން ދިޔަނަމަވެސް އެޖަމާއަތާ ކުރިމަތިލުމުގެ ގާބިލްކަން އަފްޣާން ސިފައިންނާއި ސަލާމަތީ ބާރުތަކަށް ލިބިގެންވާކަން ހާމަވަމުންދާކަމަށް އދ. ން ބުނެފި އެވެ.
ތާލިބާން ހަނގުރާމަވެރިންގެ ބަޔަކު އިއްޔެ އަފްޣާނިސްތާނުގެ ޕާލަމެންޓަށް ކުއްލި ޙަމަލާތަކެއްދީ 21 މީހުން ޒަޚަމްކޮށްލި ޓެރަރިސްޓް ޙަމަލާތަކަށް ފަހު ދެއްވި ބަޔާނެއްގައި އދ. ން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ނިކޮލަސް ހައިސޮމް ވިދާޅުވީ ތާލިބާނުންގެ ކުއްލި ހަމަލާތަކުން އަފްޣާން ސިފައިންނާއި ސަލާމަތީ ބާރުތަކަށް ސިހުންލިބި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް ތާލިބާނުންގެ ކުރިމަތީގައި ގައުމު ދިފާއު ކުރުމުގެ ގާބިލްކަން އަފްޣާން ސިފައިންގެ ކިބާގައި އެބަހުރިކަން ހާމަވަމުންދާކަމުގަ އެވެ.
ތާލިބާނުން އަފްޣާން ޕާލަމެންޓަށްދިން ޙަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެ އެއިމާރާތަށް ގެއްލުންތަކެއް ލިބުނު ނަމަވެސް އަފްޣާން ސިފައިންނާއި ސަލާމަތީ ބާރުތައްވަނީ ތާލިބާނުންގެ މައްޗަށްގަދަވެ ޕާލަމެންޓަށް ހަމަލާތައްދިން ތާލިބާނުންގެ ހަތް ހަނގުރާމަވެރިން ވެސް މަރާލާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިހާރު އަފްޣާނިސްތާނަށް ތާލިބާނުންގެ ނުރައްކާ ބޮޑުވަނީ އަފްޣާން ޖާސޫސީ އިދާރާތަކުގެ ނާކާމިޔާބީ ތަކުގެ ސަބަބުންނެވެ. މިފަދަ ޙަމަލާތަކުން ސަލާމަތް ނުވެވެނީ ތާލިބާނުންގެ ހަރަކާތްތައް ބަލައި ޖާސޫސުކުރުމުގައި އަފްޣާން ޖާސޫސީ އިދާރާތަކުގެ ނަގާބިލްކަމުގެ ސަބަބުންކަމަށް އެގައުމުގެ މީޑިޔާ ވެސް ބުނެ އެވެ.
އދ. ން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ނިކޮލަސް ހައިސޮމް ވިދާޅުވީ މިހާރު ތާލިބާނުންނާ ކުރިމަތިލައި ގައުމު ދިފާއު ކުރަމުންގެންދަނީ ބޭރުގެ ބާރުތަކުގެ ބަދަލުގައި އަފްޣާން ސިފައިންނާއި ސަލާމަތީ ބާރުތައް އެކަނި ކަމުގަ އެވެ. ބޭރުގެ ބާރުތައް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަފްޣާނިސްތާނުން ފާބައިފަ އެވެ. މިހާރު އަފްޣާނިސްތާނުގައިވާ ބޭރުގެ ބާރުތަކުގައި ހިމެނެނީ އަފްޣާން ސިފައިންނަށް ތަމްރީންނާއި މަޝްވަރާދޭ މުދައްރިބުންނާއި ތަޖްރިބާކާރުން އެކަންޏެވެ. އެހެންކަމުން އަފްޣާނިސްތާނުގެ ދިފާއާއި ސަލާމަތީ ކަންކަން އެގައުމުގެ ސިފައިން ބެލެހެއްޓުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ހައިސޮމް ވިދާޅުވިއެވެ. އެމެރިކާއާއި ނޭޓޯގެ ސިފައިން ކާބުލް ބަލަހައްޓަމުން ގެންދިޔައިރުވެސް ތާލިބާނުންގެ ކުއްލި ޙަމަލާތައް އަފްޣާން ސަރުކާރުގެ މުހިއްމު ސަރަހައްދުތަކަށާއި ކާބުލްގެ ހޮޓާތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުވެފައިވެއެވެ. (ރޮއިޓާސް)