އިސްލާމްއާބާދު (ޖޫން 25): ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހޫނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 900 ވުރެ މައްޗަށް ގޮސްފައިވަނިކޮށް ފިނިހޫނުމިން މިހާރު ދަށަށްދާން ފަށާފައިވާކަން އެގައުމުން ހާމަކޮށްފި އެވެ.

މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނީ ފިނިހޫނުމިން އެންމެ މައްޗަށްދިޔަ ސިންދު ޕްރޮވިންސާއި އެނޫން ސަރަހައްދުތަކުގެ ފިނިހޫނުމިން ދަށަށްދާން ފަށައިފި ކަމަށާއި މޫސުން މިހާރު ބަދަލުވަމުންދާ ކަމުގައެވެ. ފާއިތުވި ދެތިންދުވަހު ސާޅީސް ހައެއް ޑިގްރީ ސެލްސިޔަސް އަށް ފިނިހޫނުމިން މައްޗަށްދިޔަ ސިންދު ޕްރޮވިންސްގައި މިހާރު ފިނިހޫނުމިން ސާޅީސް ޑިގްރީ ސެލްސިޔަސް އަށްވުރެ ދަށަށް ގޮސްފައިވާ ކަމަށްވެސް މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނެއެވެ.

ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވި ހޫނުގެ ސަބަބުން އެތަށް ސަތޭކަ ބަޔަކު މަރުވުމާއެކު އާންމުންގެ ޙިމާޔަތުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ސަރުކާރުގެ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.

ގަދަ ހޫނުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެންނާއި އެނޫންވެސް ސިއްޙީ މައްސަލަތައް ކުރިމަތިވުމާ ގުޅިގެން އެތަށް ހާސްބަޔަކު ޕާކިސްތާނުގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާދެމުން ގެންދެއެވެ.

ހޫނު ކިތަންމެ ގަދަނަމަވެސް ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 15 ވަރަކަށް ގަޑިއިރު ކަރަންޓް ކަނޑައިގެންދާކަމަށް ވެއެވެ. (ރޮއިޓާސް)