ސްރީލަންކާގެ ރައީސް އެ ގައުމުގެ ޕާލެމެންޓް މިއަދު އުވާލައި އަންނަ އޯގަސްޓް މަހަށް އިލެކްޝަން ޝެޑިއުލްކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ޕާލަމެންޓް އިންތިހާބު އޮންނާނީ އަންނަ އޯގަސްޓް މަހު 17 ވަނަ ދުވަހު ކަމަށެވެ.

ރޮއިޓާސް އިން ބުނީ މިދިޔަ ޖެނުއަރީ މަހު 8 ވަނަ ދުވަހު ރައީސް ކަމަށް އިންތިހާބު ކުރި، މައިތިރިޕާލާ ސިރިސޭނާގެ ވައުދާ އެއްގޮތަށް ބާރުތައް ވަކިކޮށް، ސިޔާސީ އިސްލާހުތައް ގެނައުމަށް އޭނާ އަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.

ސްރީލަންކާގެ ނޫސްތަކުން ބުނީ، ލަންކާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެެފްޕީ)ގެ ސަޕޯޓަރުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި ރައީސް މައިތިރި ޕާލާ ސިރިސޭނާގެ މައްޗަށް ބެހިފައިވާ ކަމަށެވެ. މުހައްލިލުން ބުނަނީ އެކަމުގެ ފައިދާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ އަށް ކޮށް، އޭނާ އިންތިހާބީ ރޭހުން ކުރި ހޯދާނެ ކަމަށް ބެލެވޭ ކަމަށެވެ.