"ސްވަޗް ބާރާތު އަބިޔާން"ގެ ނަމުގައި މިހާރު އިންޑިއާގައި ކުރިއަށް ގެންދާ އެގައުމު ސާފުތާހިރު ކުރުމުގެ މިޝަންގެ ދަށުން އާގްރާގެ ރެއިލްވޭ ފުލުހުން އެ ސިޓީގެ ރެއިލްވޭ ސްޓޭޝަންތަކުގެ ބޭރަށް މަގުމަތީގައި ކުޑަކަމުދިޔަ 130 މީހަކު ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ ރެއިލްވޭ ފުލުހުން (ޖީއާރުޕީ) އިން ވަނީ ވޭތުވެދިޔަ ތިންދުވަހު، އާގްރާ، އާގްރާ ފޯޓް، އާގްރާ ކެންޓޮންމެންޓް، މަތޫރާ އަދި ތަންޑުލާގައި ސާފު އިންޑިއާ މިޝަންގެ ދަށުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރެއިލްވޭ ސްޓޭޝަން ތަކުގެ ބޭރަށް އާންމުން އުޅޭ ސަރަހައްދު ތަކަށް ކުޑަކަމުދިޔަ ކަމުގެ ކުށުގައި 130 މީހަކު ހައްޔަރުކޮށް 100 ރުޕީސް އާއި 500 ރުޕީސްއާ ދެމެދުގެ އަދަދަކުން އެމީހުން ޖޫރިމަނާކޮށްފަައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 109 މީހަކު އަތުލައިގަތީ، ހުކުރު ދުވަހު ހިންގި އޮޕްރޭޝަންގައި ކަމަށާއި އަދި އެމީހުން 8-10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ޖަލުގެ ގޮޅިތަކުގައި ހައްޔަރުކޮށް ބޭތިއްބުމަށްފަހު ދޫކޮށްލީ މާފަށްއެދި އަދި އެފަދަ ކަމެއް ތަކުރާރު ނުކުރާނޭކަމަށް ލިޔުމެއްގައި ސޮއިކުރުމުންނެވެ.

ޖީއާރުޕީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގޮޕޭޝް ނާތު ކަންނާއާ ހަވާލާދީ އިންޑިއާ ޓުޑޭގައި ބުނެފައި ވަނީ، އެ ކެމްޕެއިން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނޭ ކަމަށެވެ.

"ތިމާމެން އަމިއްލަ ނަފްސަށް ހަމަޖެހުން ހޯދައިދިނުމަށް މި ހަޑިމުޑުދާރު އަމަލުތައް ގިނަބަޔަކު ހިންގަމުންދަނީ، އާންމު ސާފުތާހިރުކަމަށް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި،" ރެއިލްވޭ އޮފިޝަލް ވިދާޅުވި އެވެ.

އާގްރާއަކީ ގިނަ ރެއިލްވޭ ސްޓޭޝަންތަކެއް ހިމެނޭ އަދި އެސިޓީ އަކީ ގިނަ ޓްރެއިންތަކެއް ދަތުރުކުރާ، ތާޖު މެހެލް ފަދަ އިންޑިއާގެ މުހިންމު ތާރީޚީ ބިނާތަކެއްވެސް ހިމެނޭ ސަރަހައްދެކެވެ. އެހެން ނަމަވެސް އެ ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަރުކާރުން އެހާބޮޑު ސަމާލުކަމެއް ނުދޭ ކަމުގެ ޝަކުވާ އާގްރާގެ އާންމުން ކުރަމުންދާ ކަމަށްވެސް އިންޑިއާ ޓްޑޭގައި ލިޔެފައި ވެއެވެ.