ކ. ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް ކަމަށް ބެލެވޭ އެއްޗެއް އަރާފައިވާތީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ހިންމަފުށި ކައުންސިލުގެ ރައީސް އަހުމަދު ސިރާޖު "ސަން" އަށް މިއަދު ވިދާޅުވީ މާލެ އަތޮޅު ގިލިލަންކަންފުށި ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ބޭރު ބައެއް އުޅެމުން އަންނަ ގެއެއްގެ ބޭރު ދޮރަށް "ވަޒަނެއް ކަހަލަ" އެއްޗެއް އަރާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށައެޅިފައިވާއިރު އެ ސަރަހައްދު އެއްކޮށް ފުލުހުން ބަންދު ކޮށް އެ ގޭތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިރާޖުވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެފަދަ މައްސަލަ އެއް ފުލުހުންނަށް މިއަދު ހެނދުނު 10:50 އެހާކަށްހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް އެ މައްސަލާގައި ވަނީ ލިބޭގޮތް ނުވެފައި އެވެ.

ކައުންސިލުގެ ރައީސް ސިރާޖު ވިދާޅުވީ ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެ އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ގޭތެރޭގައި ހަރަކާތްތެރި ވަމުންދާ ފުލުހުން ވެސް ބުނަމުންދަނީ "ބޮޑަށް ބެލެވެނީ ވަޒަނެއް ކަމަށް" އޭނާ ވިދާޅުވި އެވެ.

"މި ބުނާ ރިސޯޓުގައި އުޅޭ ބޭރު މީހާ އެ ގޭގައި އުޅެނީ. ދެން އޭނަ ބުނީ ވަރަށް ބާރު އަޑު ފަށް ގަނޑެއް އިވުނޭ. އޭނަ އެ ގޭގައި ހުއްޓައޭ އެ އަޑު އިވުނީ ވެސް އެ މީހާ އެ ގޭތެރޭގައި ހުއްޓާ. ދެން އެ ހިސާބުގައި އުޅޭ އެހެން މީހަކު ވެސް ބުނި ވަރަށް ބާރު އަޑެއް އިވުނޭ." ސިރާޖު ވިދާޅުވި އެވެ.