ދުބާއީ، ޔޫއޭއީ، އޭޕީ) ސައުދީ ޢަރަބިއްޔާގެ ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ މިލްކިއްޔާތުގައިވާ 32 ބިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހަރަދުކުރައްވަން ނިންމަވާފައިވާކަން އޭނާ އިއްޔެ ހާމަކުރައްވައިފި އެވެ.

އަލްވަލީދު އިއްޔެ އިއުލާން ކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އެހީގެ ކަންކަމަށް އެފައިސާ އޭނާ ހަރަދުކުރައްވާނީ "އަލް ވަލީދު ފިލަންތްރޮޕީސް" ނަމަކަށް ކިޔާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ މެދުވެރިކޮށްގެން ކަމަށެވެ. އަދި އެޖަމާއަތުން ފައިސާ ހަރަދުކުރާނީ ޘަގާފީ ގޮތުން މީހުންގެ މެދުގައި އޮންނަ އަންޑަސްޓޭންޑިން އިތުރުކުރުމަށާއި ސިއްހީ ކަންތައްތައް ކުރިއެރުވުމަށާއި ބަލިތައް ނައްތައިލުމަށާއި އެކަހެރި އަވަށްތަކަށް ކަރަންޓްދިނުމާއި ޔަތީމުޚާނާތަކާއި ސްކޫލްތައް ބިނާކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކިންގްޑަމް ހޯލްޑިންސް ޗެއާމަން އަލް ވަލީދު ވިދާޅުވީ އަލްވަލީދު ފިލިއަންތްރޮޕީސް އަށް މިހާރު ވެސް އޭނާ 3.5 ބިލިއަން ޑޮލަރު ހަރަދުކުރައްވާފައިވާނެ ކަމަށެވެ.

ޕްރިންސް އަލް ވަލީދުގެ ފައިސާ ހަރަދުކުރައްވާނީ ކިތައް އަހަރުގެ ތެރޭގައި ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ އެކަން ކުރިއަށް ގެންދަވާނީ ރަނގަޅު އިރުޝާދު ލިބިފައިވާ ޕްލޭނެއްގެ ދަށުން ކަމަށެވެ.