މަޝްހޫރު ވިކިލީކްސް ވެބްސައިޓްގެ ފައުންޑާ ޖޫލިއަން އަސާންޖަށް ހިމާޔަތްދިނުމަށް ފްރާންސުން ދެކޮޅުހަދައިފި އެވެ.

ބަދުއަޚްލާގީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ސްވިޑްންގެ ކޯޓަކުން އަސާންޖާ ސުވާލުތަކެއް ކުރުމަށް ޓަކައި އޭނާ ހޯދުމުގެ މަސައްކަތްކުރަމުން ދާތީ ވޭތުވެ ދިޔަ ތިންވަރަކަށް އަހަރު ދުވަހު، އޭނާ ދިރިއުޅެމުން ގެންދިޔައީ އީކްއެޑޯގައި ހުންނަ ލަންޑަން އެމްބަސީގަ އެވެ. އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 44 އަހަރުގެ އަސާންޖް ވަނީ ސްވިޑްންގެ ކޯޓުން އޭނާގެ މައްޗަށް ކުރާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ފްރާންސްގެ ރައީސް ފްރާންސްވާ އޮލާންދުގެ އޮފީހުން ހުކުރު ދުވަހު ނެރެފަައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މރ. އަސާންޖުގެ ސިޓީއެއް ފްރާންސަށް ލިބިފައިވާ ކަމަށާއި، އޭނާގެ ހާލަތާމެދު ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، "އަސާންޖު އެދިފައިވާ ގޮތަށް ފްރާންސަށް ކަންތައް ކޮށްދެވޭކަށް ނެތް" ކަމަށެވެ.

"އޭނާ މިވަގުތު ހުރީކީ ނުރައްކާވާ ހާލަތެއްގައެއް ނޫން. ހަމަ އެހެންމެ އޭނާއަކީ ޔޫރަޕުން ހައްޔަރުކުރަން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް،" ފްރާންސްގެ ރައީސް ނެރުއްވި ބަޔާނުގައިވެ އެވެ.

މީގެ ކުރީން އަސާންޖް ވަނީ އޭނާ ހުރީ ނުރައްކާތެރި ހާލަތެއްގައި ކަމަށްބުނެ ފްރާންސްގެ ނޫހެއް ކަމަށްވާ 'ލެ މަންޑޭ ޑެއިލީ"ގައި ރައީސް އޮލާންދަށް ހުޅުވިފައިވާ ސިޓީއެއް ޝާއިއުކޮށްފަ އެވެ.

ނޫސްވެރިއެއް އަދި އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ކޮމްޕިއުޓާ ހެކަރެއް، އަސާންޖަށް ވަނީ އެމެރިކާގެ ޚާރިޖިއްޔާއާ ބެހޭ 250،000 އަށް ވުރެ ގިނަ ސިއްރު ޑޮކިއުމެންޓް ލިބިފަ އެވެ. އަދި އޭނާ ވިކިލީކްސް މެދުވެެރިކޮށް އެ ޑޮކިއުމަންޓްތައް ލީކް ކުރި މައްސަލާގައި އެމެރިކާ އިން ދަނީ އަސާންޖުގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އަސާންޖު ބުނެފައި ވަނީ، 2010 ވަނަ އަހަރު އޭނާ ސްވިޑްން ގައި އުޅުނު އިރު، އެގައުމުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ބުނެ، ސްވިޑްން އިން އޭނާގެ މައްޗަށް ކުރަމުން ގެންދާ ތުހުމަތުތަކަކީ އޭނާ އެމެރިކާއާ ހަވާލުކުރުމަށް ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ.