05 Jul 2015, 14:56
މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންގެ ފުރީޒުކޮށްފައިވާ އެކައުންޓްތައް ދޫކޮށްލަިއފި އެވެ.
ފްރީޒު ކުރި އެކައުންޓަތަކުގެ ތެރޭގައި ހިމެނެނީ ގާސިމްގެ ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސްއާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އެކައުންޓްތަކެވެ.
ވިލާ ކުންފުނީގެ އިސްވެރިޔަކު މިއަދު ސަން އަށް ވިދާޅުވީ މޭ މަހު 13 ވަނަ ދުވަހު ފުރީޒުކޮށްފައިވާ އެކައުންޓްތައް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.
މީރާ އެކައުންޓްތައް ފުރީޒްކޮށްފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ނުދައްކައި އޮތުމުންނެވެ. އެފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
މީރާގެ ޑިރެކްޓަރ ޖެނެރަލް އޮން އޮޑިޓް އެންޑް އިވެސްޓިގޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވީ ވަކިވަކި ކުންފުނީގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެކައުންޓްތައް ދޫކޮށްލާނީ ފައިސާ ދެއްކުމަށް އެއްބަސް ވެވޭ ހިސާބަކުން ކަމަށް ވިދާޅުވިއެވެ.
ވިލާ ކުންފުނީގެ އެކައުންޓް ފްރީޒް ކުރަން އަންގާފައިވާ އިރު އެ އެކައުންޓްގައި ފައިސާއެއް ނެތެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ވިލާ ގްރޫޕުން ދައުލަތަށް ފައިސާ ދައްކަން ޖެހެނީ ތަރައްގީ ކުރަން އެ ކުންފުންޏާ ހަވާލުކުރި، ތ. އެލާ އާއި ގދ. ޖަޒީރާ އާއި ރ. މާނެންފުއްޓާއި ކައްދޫ ސިޓީ ހޮޓަލާއި ހަނިމާދޫ ސިޓީ ހޮޓާ މަޝްރޫއާ ގުޅިގެން ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރުމުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ އެވެ.