އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އަމަލު ކުރަން އަވަސް ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު، ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެންނަން ބޭނުންވާ އިސްލާހު މަޖިލީހުގެ ޖަލްސާ އިން ފާސްކުރީ 44 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އެ ގާނޫނުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވުމުގެ ތިން މަސް ދުވަސް ފަހުން ކަމަށެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ ހަތަރު މާއްދާއެއް އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) ވަނީ މަޖިލީހަށް ހުށަހަޅާފައި އެވެ.

އެ ހަތަރު މާއްދާގެ ތެރެއިން އެންމެ މާއްދާއެއް ފިޔަވައި ހުރިހާ މާއްދާއެއް އިސްލާހުގައި ބުނެފައި އޮތް ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން ބަދަލު ގެނެސްފައި ވަނީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އަށެވެ.

އެ މާއްދާ އިސްލާހު ކުރަން ވައްޑޭ ހުށަހެޅުއްވި ބިލްގައި ވަނީ ޔުނިވާސިޓީގެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުރިން ކުއްލިއްޔާގައި މަސައްކަތް ކުރި ފަރާތްތަކުގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

ކޮމިޓީ މަރުހަލާގައި އެ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި މިހާރު ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމާ ގުޅިގެން މަގާމު ގެއްލޭ މުވައްޒަފުންނަށް ޔުނިވާސިޓީގައި ހުރި ހުސް މަގާމުތަކުގެ ތެރެއިން މަގާމެއް އެ މުވައްޒަފަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ވައްޑޭ ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ކުއްލިއްޔާގައި އޮތް މަޖިލިސް ވެގެން ދާނީ ޔުނިވާސިޓީގެ އިންތިގާލީ މަޖިލީހަށް ކަމަށެވެ.

އިސްލާހުގައި ވަނީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވަންދެން ޔުނިވާސިޓީގެ ވަގުތީ ޑެޕިއުޓީ ވައިސް ޗާންސެލަރުން މަގާމުތަކަށް އައްޔަން ކުރާނީ ޔުނިވާސިޓީގެ އިންތިގާލީ މަޖިލީހުގެ ރުހުމާ އެކު ވައިސް ޗާންސެލަރު ކަމަށެވެ.