06 Jul 2015, 13:04
ވިޔަފާރިވެރިންގެ ހުރި ދަހިވެތި ކަމުގެ ސަބަބުން ރައްޔިތުންގެ އެތައް ބައެއްގެ ހައްގުތައް ގެއްލި ރައްޔިތުންނަށް ނިކަމެތިކަން ލިބެމުން އަންނަ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ކަނޑައަޅައި އެފަދަ ތަކެތި ރައްޔިތުންނަށް އަބަދުމެ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ ނާޝިދު ހުށަހަޅުއްވާފައިވާ އެ ބިލަށް އަމިއްލަ ހައިސިއްޔަތުން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.
ނިހާން ވިދާޅުވީ އެ ބިލުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ރައީސުލުޖުމްހޫރިއްޔާ އަށް "މުތުލަގު" ކޮށް ދޫކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކަންކަން ތަންފީޒު ކުރާނެ ގޮތަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކިތަންމެ ވަރަކަށް މަޖިލީހުން މަސައްކަތް ކުރި ކަމުގައި ވިޔަސް އާންމު ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރަމުން ނުދާ ކަމަށް ރައްޔިތުން އަންނަނީ ބުނަމުން. މިސާލަކަށް އިއްޒަތްތެރި ރައީސް، ޖީއެސްޓީ ޕަސެންޓު އިތުރުވެގެން ދިޔައިމަ ވެސް އަޅުގަނޑުމެންނާ ސަރުކާރާ ކުރެވެންޖެހޭ މަސައްކަތްތަކަށް ކޮންސެޕްޓު ގެނެވި މީގެ ހަތަރު އަހަރު ކުރިންސުރެއް ކުރިއަށްދާ މި ދިއުމުގައި އިމްޕޯޓު އެކްސްޕޯޓުން ވެސް ވަނީ ބައެއް އެއްޗެހި ކަނޑާފައި. އެހެންނަމަވެސް ދުވަހަކުވެސް ކަންމަތީ ފިހާރައަށް ދާ މީހާ އެ ގަންނަ އެތީގެ އަގު ތިރިވީ ގޮތެއް އެނގޭނެ ގޮތެއް އެނގޭކަށް ނެތް. އެކަން ނޭނގެނީ ވެސް ވިޔަފާރި ވެރިންގެ ހުންނަ "ބަހީލު" [ދަހިވެތި] ކަން ހުންނެލެއް ބޮޑީ،" ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް ކިތަންމެ ރަނގަޅަށް މަޖިލީހުން ތައްޔާރު ކޮށްފައިވީ ނަމަވެސް ދިވެހި ބައެއް ވިޔަފާރިވެރިންގެ ހުރި ދަހިވެތަކަމާއި ފެންނަ ކޮންމެ އެއްޗެއް ބޭނުންވެފައި ހުރުމުގެ ސަބަބުން އެފަދަ ގާނޫނުތަކުގެ ފައިދާ ހެޔޮ ގޮތުގައި ލިބެމުން ނުދާ ކަމަށެވެ.
ނާޝިދު ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮންޓުރޯލު އަގުގައި ވިއްކާ ތަކެއްޗާއި އަދި އެ ތަކެތި އުފައްދާފައިވާ ގައުމާއި އެތަކެއްޗަށް އާންމުކޮށް ރާއްޖޭގައި ކިއާނަމާއި އަދި ފަންނީ ނަން ކަމާ ގުޅުން ހުރި މިނިސްޓަރު ކަނޑައަޅަން ވާނެ ކަމަށެވެ.

ރާއްޖެ އަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ކަނޑައަޅައި އެފަދަ ތަކެތި ރައްޔިތުންނަށް އަބަދުމެ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އަހުމަދު ނާޝީދު: ފައިލް ފޮޓޯ
އަސާސީ ކާބޯތަކެތި ވިއްކުމުގެ ފައިދާ ލެވޭނެ މިންވަރަކީ ރާއްޖެ އަށް އަސާސީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ އެއްޗެއް ހޯލް ސޭލްކުރެވޭނީ މުދަލުގެ ސީއައިއެފްގެ ނުވަތަ ސީއެންއެފް އަގަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅާ އިމްޕޯޓު ޑިއުޓީ އިތުރު ކުރުމުންޖެހޭ ޖުމްލަ އަގުގެ 30 ޕަސެންޓަށް ވުރެ މަތި ނުވާ ވަރެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
"އަދި ހޯލް ސޭލަރެއްގެ އަތުން ގަނެގެން ރީޓެއިލު ކުރާ ފަރާތްތަކުން އަސާސީކާބޯތަކެތި ވިއްކަން ވާނީ ހޯލް ސޭލު އަގުގެ 20 ޕަސެންޓަށް ވުރެ މަތިނުވާ ވަރެކެވެ." ނާޝިދު ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.
އެފަދަ ކަންކަމާ ޚިލާފަށް މުދާ ވިއްކާ ނުވަތަ ގަންނަ ފަރާތެއް ފުރަތަމަ ފަހަރަށް އެ ވިއްކާ މުދަލެއްގެ 300 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ދެވަނަ ފަހަރަށް 600 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި އެވެ.
ތިން ވަނަ ފަހަރުން ފެށިގެން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.