ވެޓަރަންސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 1-0 ގެ ނަތީޖާއަކުން ބަލިކޮށް ބީޖީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ މައިލޯ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި މާޒިޔާގެ ހަމައެކަނި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޢަބްދުﷲ ޝިފާއުއެވެ.

މެޗްގައި ބީޖީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މާޒިޔާގެ ގޯލް ބަލަހައްޓަން ހުރި ކުރީގެ މަޝްހޫރު ކީޕަރު މުޙައްމަދު ސިނާން (ނާނީ) ވަނީ އެ ހަމަލާތަށް ދިފާއުކޮށްފައެވެ.

ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ޝިފާއުއަށް ލިބިގެންދިޔައެވެ.

މިމެޗުން ބީޖީ މޮޅުވިއިރު ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗުން މޮޅުވެ އެޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް ސެމިއަށްދާ ގޮތަށް މުބާރާތުގެ އެކުލަވާލެވި ފައިވާއިރު ހަތަރު ޓީމެއް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެއީ ބީޖީގެ އިތުރުން އެއްވަނައިގައި އޮތް ވެލެންސިއާއާއި ވެޓަރަންސް އެސޯސިއޭޝަންއާއި މާޒިޔާއެވެ.

މާޒިޔާ މިވަތު ހަތަރު ވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް އިރު މިދިޔަ ހުކުރު ދުވަހު މާލޭ ވެޓަރަންސްއާއި ދެކޮޅަށް ކުޅެމުންގޮސް ހުއްޓާލި މެޗާއި ގުޅޭގޮތުން ވަކިގޮތެއް ނިންމުމަށްފަހު އެޓީމް ތާވަލްގައި އޮތް ޖާގައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެމެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެޗު ހުއްޓާލިއިރު މާޒިޔާ އޮތީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗާ ގުޅޭ ގޮތުން މުބާރަތުގެ އިންތިޒާމް ކޮމިޓީގައި ވަކިގޮތެއް ނިންމާނެ ކަމަށް އިންތިޒާމް ކޮމިޓީ މެންބަރަކު ސަން އަށް ވިދާޅުވިއެވެ.