މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި އަށް މީހެއްގެ ޝަރީއަތް ފަށައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ އަށް މީހުން ވެސް ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އެ މީހުންނަކީ

ް1. ތ. ގުރައިދޫ ރޯޒްވިލާ އަހްމަދު އިބްރާހީމް

2. ނާސިރާ އަލީ ލ. ގަން އެއްގަމުގެ

3. އިބްރާހީމް ލަބާން ޝަރީފް މ. ބާންސަރީގެ

4. މޫސާ ޝަރުމީލް މާލޭ ދަފްތަރު 9130

5. ފަރުހަތު އަލީ ގ. ބްލޫވޭވް

6. އަބްދުﷲ ރަޝީދު މުހައްމަދު ގ. ކީމާ

7. އަލީ ރަޝީދު މއ. ފޯޗިއުން

8. އުމަރު ގާހިރު ގދ. ގައްދޫ ނީލޯފަރުމާގެ

އެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 11:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކުރިމަތިން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް އެމީހުންގެ ތެރެއިން ލަބާން ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ބިންމައްޗަށް ވައްޓާލި ކަމަށެވެ.

ދައުވާ ލިބޭ ނާސިރާ އަލީ ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ލަބާން ފުލުސް މީހާ ބިންމައްޗަށް ވައްޓައިލުމުން އަހްމަދު އިބްރާހީމާއި ޝަރުމީލް އާއި އަބްދުﷲ ރަޝީދާއި އަލީ ރަޝީދު އެމީހުންގެ ފައިން އޭނާ އަށް ހަމަލާދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެ މީހުންގެ ތެރެއިން އުމަރު އޭނާގެ އަތުގައި އޮތް ފެންފުޅިން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ އިރު ނާސިރާގެ އަތުގައި އޮތް ކޮކާލޯލާ ފުޅިން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

އަދި ފުލުސް މީހާގެ ބޮލުގައި އޮތް ހެލްމެޓު ނެގުމަށް ފަރުހަތު އުޅެފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ވަކީލަކު ހަމަޖެއްސުމަށް އެމީހުންނަށް މިއަދު ދީފައި ވަނީ ތިން ދުވަހުގެ ފުރުސަތެކެވެ.

އެމީހުންގެ ތެރެއިން ފަރުހަތު ވަނީ ދައުވާގައި ބުނެފައިވާ ކަންތައްތަކަކީ އޭނާ ކުރި ކަންތައްތަކެއް ނޫން ކަމަށް ބުނެ، އެކަމަށް އިންކާރު ކޮށްފަ އެވެ.

"އަޅުގަނޑު ހެލްމެޓު ނަގަން މަސައްކަތެއް ނުކުރަން. އަޅުގަނޑު އޭނަގެ [ފުލުސް މީހާ] ގައިގައި އަޅައިގަނެގެން ވެއްޓުނީ. އަނިޔާކުރަމުން ދިޔައިރު އަޅުގަނޑު ބުނިން އަނިޔާ ނުކުރާށޭ. އޯޑިއޯ އަޑުއެހީމާ އެކަން އެނގޭނެ،" ފަރުހަތު ބުންޏެވެ.

ދައުވާ ލިބޭ މޫސާ ޝަރުމީލް ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެމީހުން ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން ކަމަށެވެ.

އެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ދައުވާ ލިބޭ އަބްދުﷲ ރަޝީދު (ކ) އަދި ފަރުހަތު އަލީ ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން