08 Jul 2015, 15:31
މިދިޔަ އަހަރު ވޯލްޑްކަޕްގައި ބްރަޒިލްގެ ގައުމީ ޓީމަށް ކޯޗްކޮށް ދިނުމަށް ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ބޭނުންވި ކަމަށް ބަސެލޯނާގެ ބްރަޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސް ބުނެފި އެވެ.
ބްރަޒިލްގެ އީއެސްޕީއެން އަށް ދިން އިންޓަވިއުގައި މިއަންނަ ސީޒަނަށް ބާސެލޯނާއާ އެކު އާ އެއްބަސްވުމެއް ހެދި އަލްވޭސް ބުނީ ގާޑިއޯލާ އެކަމަށް ޝައުގުވެރިވެ އެކަން ހުށަހެޅުމުން ބްރަޒިލްގެ ފުޓްބޯޅައިގެ އޮފިޝަލުންތަކެއް އެކަން ބަލައިގަތުމަށް ޖެހިލުންވި ކަމަށާއި އެއީ ބްރަޒިލްގެ ސަޕޯޓަރުން ގައުމުން ބޭރުގެ ކޯޗެއް އެގައުމުގެ ގައުމީ ޓީމްގެ ކޯޗަކަށް ހަމަޖައްސަން އެއްބަސް ނުވެދާނެތީ ކަމަށެވެ.
"ޕެޕް ބޭނުންވި އަލުން ބްރަޒިލްއަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި ދޭން. އަހަރެމެންނަށް ވޯލްޑް ކަޕް ޗެމްޕިއަން ހޯދައިދިނުމަށް ގެންގުޅޭނެ އިސްތިރާޖީ ތަކެއް ވެސް އޭނަ ހުށަހެޅި. ނަމަވެސް ބްރަޒިލްގެ ފުޓްބޯޅައިގެ އޮފިޝަލުންތަކެއް އެކަން ބަލައެއް ނުގަތް ސަބަބަކީ އެމީހުންނަކަށް ނޭންގެ ބްރަޒިލް ސަޕޯޓަރުން ބިދޭސީ ކޯޗަކަށް ޓީމް ހަވާލު ކުރަން އެއްބަސް ވާނެ ކަމެއް،" އިންޓަވިއުގައި އަލްވޭސް ބުންޏެވެ.
ނަމަވެސް ގާޑިއޮލާގެ ހުށަހެޅުން ގަބޫލު ނުކުރީ ކޮންބައެއް ކަމެއް ބާސާގައި ގާޑިއޯލާގެ ކޯޗްކަމުގެ ދަށުން ކުޅުނު އަލްވޭސް ނުބުނެ އެވެ.
"ޕެޕް އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗް. އަހަންނަށް ފެނުނު އެންމެ ރަނގަޅު ކުޅިވަރު މެނޭޖަރު. އޭނާ ވަނީ ފުތްބޯޅައަށް އިންގްލާބެއް ގެނެސްފައި. އޭނާ ވަނީ ފުޓްބޯޅަ ޓީމަކަށް އިންގްލާބު ގެނެސްފައި. އަހަރެމެންނަށް ވެސް އޭނައާ އެކު އެފުރުސަތު ލިބެން އޮތް،" މިހާރު ބަޔާން މިޔުނިކަށް ކޯޗް ކޮށްދެމުން ގެންދާގާޑިއޯލާއާ ބެހޭ ގޮތުން އަލްވޭސް ބުންޏެވެ.
އަލްވޭސް ބުނީ އެފަދަ ފުރުސަތެއް ލިބުމުން ފުރުސަތު ދޫކޮށްލުމުން ދޭހަ ވަނީ ބްރަޒިލް ފުޓްބޯޅައިގެ އޮފިޝަލުން ހަގީގީ ނަޒަރަކުން ގައުމީ ޓީމާއި މެދު ނުވިސްނާ ކަމަަށެވެ.
އަލްވޭސް ބުނީ ބްރަޒިލްއަށް ކޯޗްކޮށް ދިނުމުގެ ވިސްނުން އަދި ވެސް ގާޑިއޯލާ ގެންގުޅޭ ކަމަށެވެ.
ވޯލްޑް ކަޕްގައި ބްރަޒިލްގެ ގައުމީ ޓީމަށް ކޯޗްކޮށްދިނުމަށް އެގައުމުގެ ފުޓްބޯޅަ ކޮންފެޑްރޭޝަނުން ހަވާލު ކުރީ 2002 ވަނަ އަހަރު އެގައުމަށް ވޯލްޑްކަޕް ކާމިޔަބު ކޮށްދިން ލުއިސް ފިލިޕޭ ސްކޮލާރީ އެވެ.
އޭނާގެ ކޯޗްކަމުގެ ދަށުން މިދިޔަ އަހަރު އެތީމަށް ލިބުނީ ވޯލްޑް ކަޕްގެ ހަތަރު ވަނަ އެވެ.