މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މިހާރު ބޭނުން ކުރާ ރަންވޭ ބާވެ، މައްސަލަތައް ދިމާވާތީ، އެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އިންޓަނޭޝަނަލް ބިޑިން ޕްރޯސެސްއެއްގެ ދަށުން އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ސިންހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ. ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)ގެ މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 135 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދައުލަތުގެ ތިން ވަޒީރުންގެ ހާޒިރުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސިންހައިޑްރޯގެ ޕްރޮޖެކްޓް މެނޭޖަރު ހީ ޝައޮޔު އެވެ.

އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ރަންވޭގައި ހުރި މައްސަލަތަކުގެ ތެރޭގައި އަޑި ގުޑަންތައް ގިނަވުން ހިމެނެ އެވެ. އޭގެ ސަބަބުން ފްލައިޓްތަކަށް ތަފާތު މައްސަލަތައް ދިމާވެ ތެޔޮ ލީކްވުން ފަދަ ކަންކަން ދިމާވެ ފްލައިޓްތައް ޑިލޭވުން ފަދަ ކަންތައްތައް ކުރިމަތިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ ރަންވޭ މަރާމާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އަޑިގުޑަންތައް ފިލުވުމަށް ރަންވޭމަތީގައި އިތުރު ފަށަލަތަކެއް އަޅައި ރަންވޭ އިތުރަށް ވަރުގަދަކޮށް މަތި އެއްވަރުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަރައްގީގެ ބޮޑަތި މަޝްރޫތަކުގެ އިތުރުން މިހާރުން މިހާރަށް ބޭނުންވާ "އިމްޕްރޫވްމަންޓް މަސައްކަތްތައް" ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި އާ ރަންވޭގެ މަސައްކަތް ފެށުން ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ކުންފުންޏަކާ މިހާރު ވާހަކަ ދެކެވި އީބީސީ ކޮންޓްރެކްޓުގައި މިހާރު ސޮއިކުރެވިފައިވާ ކަމަށާއި އެ މަސައްކަތަށް ހަދަން ޖެހޭ ފަހުގެ ސާވޭތައް މިހާރު ހަދާފައިވާ ކަމަށެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫތަކެއްގައި ވެސް ޗައިނާ އިން އަބަދު ވެސް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ޗައިނާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އެއާޕޯޓުގައި ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ބޭނުންކުރަމުން އަންނަ ރަންވޭއަށް ވުރެ ބޮޑު ރަންވޭއެއް ހެދުމާއި އާ އޭޕްރަންގެ މަސައްކަތުގެ އިތުރުން ފިއުލް ފާމެއްގެ މަސައްކަތާއި ޑިއުޓީ ފްރީއަށް ގެންނަ ތަރައްގީ އަދި ޓާމިނަލްގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ. އާދިލް ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.