އާސަންދައިގެ ދަށުން ހޯދާފައިވާ ހިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އެޑްމިޓް ނުކޮށް ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ކުރުމަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިމަހުގެ އެއްވަނަ ދުވަހު ނެރެފައިވާ 2012 އަދި 2013 ވަނަ އަހަރުގެ އާސަންދައިން ހަރަދުކޮށްފައިވާގޮތުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދެ އަހަރުގެ ތެރޭ އެވްރެޖްކޮށް އާބާދީގެ 82 ޕަސެންޓް މީހުން އެޑްމިޓްނުކޮށް ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ކުރުމުގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އެއިން ކޮންމެ މީހަކު މަދުވެގެން އަށް ފަހަރު އެފަދަ ހިދުމަތްތަކަށް އާސަންދައިގެ ހިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ.

އާސަންދަ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެޑްމިޓްނުކޮށް ޑޮކްޓަރަށް ދެއްކުމާއި ތަހުލީލުތައް ކުރުމަށް އަދި ބޭހުގެ ހަރަދަށް 2012 ވަނަ އަހަރު 524.47 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އެހަރު ހިނގި ހަރަދުގެ 70 ޕަސެންޓް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައި ވާގޮތުން 2013 ވަނަ އަހަރު 509.34 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އެއަހަރު ހިނގި ހަރަދުގެ 69 ޕަސެންޓް ކަމަށް ބުނެފައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އާސަންދަ ކުންފުންޏަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން 2012 ވަނަ އަހަރު 272،441 މީހުން އަދި 2013 ވަނަ އަހަރު 285،880 މީހުން މަދުވެގެން އެއްފަހަރު އާސަންދައިގެ ހިދުމަތް ހޯދާފައިވެއެވެ. އެހެންކަމުން ދެ އަހަރުގެ ތެރޭ އެވްރެޖްކޮށް އާބާދީގެ 83 ޕަސެންޓް މީހުން އާސަންދައިގެ ދަށުން ހިދުމަތް ހޯދާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

މީގެއިތުރުން 2012 ވަނަ އަހަރު އެޑްމިޓް ނުކޮށް ސްކީމްގެ ދަށުން 2.1 މިލިއަން އަދި 2013 ވަނައަހަރު 2.3 މިލިއަން މުއާމަލާތް ހިނގާފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.

އޮޑިޓްރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ނިސްބަތުން ހަގު އަދި ޒުވާން އުމުރުގެ މީހުންކަމަށްވާއިރު، އާބާދީގެ 82 ޕަސެންޓް މީހުން ބަލިވެގެން އަހަރެއްގެ ތެރޭ މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދަންޖެހުމަކީ ރާއްޖޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮކަމާމެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމެއް ކަމަށެވެ.

މީގެއިތުރުން ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އާސަންދަ ހިދުމަތް ހޯދާ ފަރާތްތަކާއި އެ ހިދުމަތްދޭ ފަރާތްތަކުން އާސަންދައިގެ ހިދުމަތް ނަހަމަ ގޮތުގައި ބޭނުން ހިފުން ހުއްޓުވުމަށްޖެހޭ ކަމަށެވެ. އަދި ނުހޯދާ ހިދުމަތަކަށް ހިދުމަތްދޭ މަރުކަޒުތަކުން ބިލުކޮށްގެން ފައިސާ ހޯދުމަށް މިހާރު އޮންނަ ފުރުސަތު ހަނިކުރުމަކީ މުހިންމު ކަމެއް ކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.