ބަންގްލާދޭޝްގައި ހިލޭ ފޮތި ބެހި ކިޔޫއެއްގައި ޖެހުނު އެތައް ސަތޭކަ ބަޔަކު ފިތި އޭގެ ތެރެއިން 23 މީހަކު މަރުވެއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ އެންޑީޓީވީ އިން މިއަދު ބުނީ ބަންގާޅުގެ މައިމެންސިން ސިޓީގައި ހިނގި ހާދިސާގައި ގިނަ ބަޔަކު ފިތި 23 މީހަކު މަރުވީ ފަތިސްވީ ގަޑީގައި ހަނި ގޭޓަކުން ގިނަ ބަޔަކު އެއްފަހަރާ ފެކްޓަރީގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ފިތިގެން ކަމަށެވެ.

ޓެލެވިޒަން ފްޓޭޖްތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އަދި މީހުންގެ ގައިން އޮހޮރިފައިވާ ލޭތަކާއި ފައިވާންތައް ހުއްޓެވެ.

"އަހަރުންނަށް މިހާތަނަށް 23 މީހެއްގެ ހަށިގަނޑު ފެނިއްޖެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފަގީރުން އަދި އަންހެނުން،" ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ. ފުލުހުން ބުނަނީ އެ ހާދިސާއާ ގުޅިގެން އަދި އިތުރު ބަޔަކު މަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ދިއުމުގެ ކުރީން ބައެއް އާއިލާތަކުން ވަނީ އެ މީހުންގެ މީހުންގެ ހަށިގަނޑުތައް ގެންގޮސްފައި،" ފުލުހުން ބުންޏެވެ.

ސަލާމަތީ ގޮތުން ފިޔަވަޅު ނާޅާއި އެފަދަ ކަމެއް ކުރުމުން ފުލުހުން ވަނީ ފެކްޓަރީގެ ވެރިމީހާ އާއި އިތުރު ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އީދު ހެދުން ފަހާނެ ފޮތި ދޭނެ ކަމަށް ފެކްޓަރީގެ ވެރިމީހާ އިއުލާން ކުރުމުން، ފަތިހު 4:45 ގައި ވަނީ 1500 ވަރަކަށް މީހުން ފެކްޓަރީގެ ބޭރުގައި ކިޔޫ ޖެހިފަ އެވެ.

ބަނގުލާދޭޝްގެ މުއްސަނދީން ރޯދަ މަހު ފޮތި ބެހުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަމުގައި ގިނަ ބަޔަކު ފިތުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ްއެފަދަ ފިތުމެއްގައި ފެކްޓަރީއެއްގެ ބޭރުގައި 2002 ވަނަ އަހަރު ވެސް ވަނީ 40 ވަރަކަށް މީހުން މަރުވެފަ އެވެ.