ފުވައްމުލަކުގެ ކުޑަ ދެ ކުދިން ލައްވައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ 10 ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ފުވައްމުލަކުން ހައްޔަރު ކުރި 10 މީހުންގެ ބަންދަށް 15 ދުވަސް އެ ރަށު ކޯޓުން ޖަހާފައި ވަނީ މިއަދު މެންދުރު 1:00 ޖެހިއިރު އެމީހުން އެކޯޓަށް ހާޒިރު ކުރުމުންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި 19 އަހަރުގެ މީހާކާއި 22 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ ދެ މީހުނާއި 41 މީހަކާއި 32 މީހަކާއި 55 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެއް ހިމެނެ އެވެ.

އޭގެ ތެރޭގައި އެ ރަށުގައި އެންމެ މަޝްހޫރު ދެ ވިޔަފާރިވެރިން ހިމެނެ އެވެ. ދެން ހިމެނެނީ ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ. ތުހުމަތުކުރެވޭ މީހުން ވެސް އަދިވެސް އެބަތިއްބެވެ.

އެމީހުން ރޭ ހައްޔަރުކޮށްފައިވާ އިރު ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެތިބެގެންނެވެ. އެ ކުދިނާ ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.

ހަށިވިއްކުވި ކަމަށް ތުހުމަތު ކުރެވެނީ 14 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނެވެ. އެ ދެ ކުދިންނަކީ ހޯދަނޑާއި ދިގުވާޑަށް ނިސްބަތްވާ ދެ ކުދިންނެވެ. އެކުދިން ލައްވައި ތަކުރާރުކޮށް އެތައް ރެއެއްގެ މަތިން އެތައް ބަޔަކު އެއަމަލު ހިންގާ ކަމަށް ބެލެވޭ އިރު އެކުދިންނަށް ފައިސާދޭ ކަމަށްވެ އެވެ. ފުވައްމުލަކުން ވާހަކަ ދެއްކި އެތައް ބަޔަކު ބުނާގޮތުން އެދެ ކުދިންނަކީ ވެސް ރަށު ތެރެއަށް ގިނަވެ "އެފާޑަށް" އުޅޭ ދެކުދިންނެވެ.