11 Jul 2015, 22:52
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ޓިއުމަރެއް ނެގުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.
ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭގައި މިމަހުގެ ހަތަރުވަނަ ދުވަހު ކުރި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު 'ސަން' އާ ހިއްސާކުރައްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އެ ކާމިޔާބު އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވީ ދިވެހި ޑޮކްޓަރުން ކަމަށެވެ.
ސިކުޑީގެ ޓިއުމަރުގެ އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވީ އޭޑީކޭގެ ނާރުގެ ޑޮކްޓަރު އަލީ ނިޔާފުގެ އިތުރުން ޑރ. އަބްދުﷲ އުބައިދު އަދި ޑރ. އިބްރާހިމް މުއުމިނެވެ.
އައްފާލް ވިދާޅުވީ އުމުރުން 47 އަހަރުގެ އަންހެން މީހާގެ ބޮލުގައި އުފެދިފައި އިން ޓިއުމަރު އޮޕަރޭޝަނުގައި އެއްކޮށް ނެގިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންގެ ފަހުން އެއްވެސް ކަހަލަ މައްސަލައެއް ދިމާވެފައި ނުވާކަމަށް އައްފާލު ވިދާޅުވި އެވެ.
އެގޮތުން މިފަދަ އޮޕަރޭޝަން ތަކުގައި އާންމުކޮށް ދިމާވާ ވާހަކަ ދެއްކުމަށް އުދަގޫވުމާއި މޫނުމަތި އައިބުވުން ފަދަ އެއްވެސް ކަމެއް އެ އޮޕަރޭޝަނަށް ފަހު ބަލިމީހާއަށް ދިމާވެފައި ނުވާކަމަށް އައްފާލް ވިދާޅުވި އެވެ.