ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެއްވެސް ހަރަކާތެއް މާލިއްޔަތު ގާނޫނާ މާލިއްޔަތުގެ އުސޫލުތަކާ ހިލާފަށް ނުގެންދާ ކަމުގެ ޔަގީން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިނިވަން 50 ޓާސްކް ފޯހުން ރައީސް އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ، މިނިވަން 50 އާ ގުޅިގެން ރާވާ ހަރަކާތްތަކުގެ ފުރިހަމަ މައުލޫމާތު ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

"މާނައަކީ މިނިސްޓްރީ އޮފް ފައިނޭންސް އިން ފެށިގެން އޮޑިޓް އޮފީހުން ފެށިގެން އައިސް އެންޓި ކޮރަޕްޝަނާ ހިސާބަށް ވެސް އަޅުގަނޑުމެން މިދަނީ އިސްވެ މިނިވަން 50ގެ މައުލޫމާތުތައް ހިއްސާ ކުރަމުން. އަޅުގަނޑުމެން ބޭނުން ވަނީ ވަރަށް އަވަހަށް ވަރަށް އެފިޝިއަންޓުކޮށް މިކަންކަން ކުރަން. އެހެންނަމަވެސް ގާނޫނީ އިމުގެ ތެރެއިން،" މުންދު ވިދާޅުވި އެވެ.

މިނިވަން 50 ޓާސްކް ފޯހުގެ ފަރާތުން މުންދު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިނިވަން 50 އޮފީހުގެ މަސައްކަތްތަކުގައި ގަވައިދާ ޚިލާފު ކަމެއް ހިނގާތޯ ބެލުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ފަށާފައި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިދިޔަ ހަފުތާގެ ތެރޭގައި "ސަން" އަށް ވިދާޅުވީ އެ މަސައްކަތް ފެށުމުގެ ގޮތުން ކޮމިޝަންގެ މެމްބަރުން މިނިވަން 50 އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިވަން 50 އޮފީހުގައި ކަންތައް ހިނގާގޮތް ބަލައިދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ވެސް އެ ކޮމިޝަންގައި އެދިފައިވާ ކަމަށެވެ.

މިނިވަން 50 އާ ގުޅުވައިގެން ބޭއްވި މޫދު ކުޅިވަރުގެ ތެރެއިން: ސަން ފައިލް ފޮޓޯ

އެ މަސައްކަތުގެ ދަށުން ގިނަ ގިނައިން އެ އޮފީހަށް ވަދެ ޗެކްކުރަން ޖެހިދާނެ ކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު އެ ކޮމިޝަނުން އެ އޮފީހަށް ނުދާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ މުޅި މިނިވަން 50 ގެ ބަޖެޓު އަންދާޒާ ކުރަން "ނޭނގޭ" ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް މުންދު ވިދާޅުވީ ބަޖެޓު ތަންދިން ވަރަކުން މިނިވަން 50 ގެ ހަރަކާތްތަކާ ގުޅޭ "ރިކުއެސްޓުތަކަށް" ފައިސާ ދޫކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިވަން 50 އާ ގުޅޭ ހަރަކާތްތައް ހިންގުމަށް ފައިސާ ދޫކުރާ އިރު ވަކި ހާއްސަ މިންގަނޑުތަކަކަށް މިނިވަން 50 ވަޒީރުންގެ ކޮމިޓީން ބަލާ ކަމަށެވެ. މުންދު ވިދާޅުވީ މިނިވަން 50 ގެ ހަރަކާތްތަކަށް ދިޔަ އަދަދު ދަންނަވަން އެނގިލައްވާނީ އަހަރު ނިމުނީމާ ކަމަށެވެ.