16 Jul 2015, 13:19
އައްޑޫސިޓީގައި ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ސ. ހިތަދޫ، އަތީނާ، ހުސައިން ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެމީހުންގެ ތެރެއިން 20 އަހަރުގެ އެކަކާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރާ އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ޝިއާރުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ޖިނާއީ ތަފާތު ކުށްތަކުގެ ގިނަ އަދަދެއްގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
އުމުރުން 19 އަހަރުގެ ޝިއާރަށް ހަމަލަދީ މަރާލާފައިވަނީ އޭނާ ދިރިއުޅޭގޭގެ ކުރިމަތީ ގުރޫޕަކުން ހިންގި މާރާމާރީއެއްގަ އެވެ. އޭނާ މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެެެ.
ޝިޔާރުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ މާލެއިން އައްޑޫ ސިޓީއަށް ދިޔަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކުންނެވެ. އެ ޓީމް އަދިވެސް އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.