16 Jul 2015, 15:11
މަސްވެރިންނާއި ދަނޑުވެރިންނަށް އެސްއެމްއެސް ފޮނުވޭނެ ނިޒާމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގައި ގާއިމުކޮށްފި އެވެ.
ވެލާނާގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ނިޒާމް އިފުތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. މަސްވެރިންނާއި ދަނޑުވެރިންނަށް އެސްއެމްއެސް ފޮނުވާ ނިޒާމުން މިއަދު ފޮނުވި އެސްއެމްއެސްގައި ވަނީ ދަނޑުވެރިންނާއި މަސްވެރިންނަށް އީދުގެ ތަހުނިޔާ ކިޔާފަ އެވެ.

މަސްވެރިންނާއި ދަނޑުވެރިންނަށް އެސްއެމްއެސް ފޮނުވާ ނިޒާމުން މިއަދު ފޮނުވި އެސްއެމްއެސް -- ސަން ފޮޓޯ: މުހައްމަދު ނާސިހު
އެ ނިޒާމުގެ ބޭނުމަކީ މަސްވެރިންނާއި ދަނޑުވެރިންނަށް މިނިސްޓްރީން ދޭންބޭނުންވާ މުހިއްމު މައުލޫމާތުތައް ދިނުން ކަމަށް ޝައިނީ ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ އެސްއެމްއެސް ޑޭޓާ ބޭސްގައި ގާތްގަނޑަކަށް 6000 ދަނޑުވެރިންނާއި 1200 މަސްވެރިން އެބަތިމި ކަަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ މަސްވެރިންގެ ޑޭޓާ ބޭސް އެއް ގޮތުގައި،" ކަމަށާއި އަދި އޭރު އެސްއެމްއެސް ނިޒާމް ބޭނުންކުރީ ލައިސަންސް ހަމަވާ ކަން ހަނދާންކޮށްދިނުމާއި އެ ނޫނަސް މުހިއްމު މައުލޫމާތުތައް ދިނުމަށް ކަަމަށެވެ. އަދި ދޯނި ފަހަރު ގެއްލުނީމަ އެ ދޯނި ހޯދުމުގައި އެހީތެރިވުމުގެ ގޮތުން މަސްވެރިންނަށް އެސްއެމްއެސް ފޮނުވާފައިވާ ކަަމަށް ޝައިނީ ވިދާޅުވި އެވެ.
ދަނޑުވެރިންނާއި ގުޅޭ ގޮތުން މިނިސްޓްރީން ބާއްވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ނުލިބޭ ކަަމަށް މިނިސްޓްރީން އަތޮޅުތެރެއަށް ކުރިދަތުރުތަކުގައި ދަނޑުވެރިން ބުނެފައިވާ ކަމަށާއި އެކަމަށް ހައްލެއް އެސްއެމްއެސް ނިޒާމުގެ ސަބަބުން އަންނާނެ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
"މިހާރު ސީދާ މަސްވެރިއާ އަށް އަދި ދަނޑުވެރިއާ އަށް މައުލޫމާތު ލިބޭނެ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

މަސްވެރިންނާއި ދަނޑުވެރިންނަށް އެސްއެމްއެސް ފޮނުވާ ނިޒާމް އިފްތިތާހުކުރުމަށްފަހު މިނިސްޓަރު ޑރ. ޝައިނީ މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު
އަދި އަލަށް ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީ ކުރާ މަސްވެރިންނާއި ދަނޑުވެރިން އެސްއެމްއެސް ޑޭޓާ ބޭސް އަށް އިތުރުކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މައިިގަނޑުގޮތެއްގައި އެސްއެމްއެސް ނިޒާމު ބޭނުންކުރާނީ މިނިސްޓްރީން ބޭނުންވާ މައުލޫމާތުދޭން ކަމަށާއި މަސްވެރިންންނާއި ދަނޑުވެރިން މިނިސްޓްރީ އާއި ކުރާ މުއާމަލާތްކުރުމުގެ ފުރުސަތު އެސްއެމްއެސް ނިޒާމުގެ ތެރެއިން ނޯންނާނެ ކަމަށެވެ.
އެހެންނަމަވެސް މަސްވެރިންނާއި ދަނޑުވެރިންނަށް މިނިސްޓްރީ އާއި މުއާމަލާތް ކުރެވޭނެ އެހެން ގޮތްތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފޮނުކޯށްގެންނާއި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ވެސް މުއާމަލާތް ކުރެވޭނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.