އީދަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބޭ އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވުމުގެ މުނާސަބަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށްވުމާއެކު ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ އީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ ދުވަހެއް ކަމުގަ އެވެ.

"ފިޠުރުޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެކެވެ. ޝުކުރު ކުރުމުގެ ދުވަހެކެވެ. ހަމައެހެންމެ، ޢީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަސްވެސްމެއެވެ. ހަމައެހެންމެ، ޢީދުގެ މުނާސަބަތަކީ، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބޭ އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވުމުގެ މުނާސަބަތެކެވެ. އަދި އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި ލޯތްބާއި އަޚުވަންތަ ކަމުގެ ގުޅުން ޤާއިމުކުރުމާއި، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީވެސް، މިފަދަ އުފާވެރި މުނާސަބަތުތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ،" ރައީސްގެ މެސެޖުގައި ވެއެވެ.

ރައީސް ވިދާޅުވީ މިފުރުސަތުގައި އަޅުގަނޑުމެން ހަނދާން ކުރަންވީ، ފިޠުރުޢީދަކީ އަޅުގަނޑުމެންގެ އީމާންކަން ގަދަކުރުމާއި، ތަޤުވާވެރިކަން އިތުރުކުރުމާއި، އިސްލާހުވުމުގެ މާތް މޫސުމަކާ ގުޅިފައިވާ އީދެއްކަމަށެވެ. އަދި މިއީ އަޅުގަނޑުމެންގެ އަމަލުތައް އިސްލާހުކޮށް، މުޅި މުޖްތަމައު އިސްލާހުވުމަށް ލިބިފައިވާ އަގުހުރި ފުރުސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އެ ގައުމުތަކުގެ ރަޙްމަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކާއި ޖަމްއިއްޔާތަކުގެ ވެރިންނަށް ވެސް ތަހުނިޔާ ފޮނުއްވާފައެވެ.