އޯގާތެރިކަމާއެކު ލޯބިން އުޅޭ މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.

މިއަދަކީ ބަރަކާތްތެރި ފިތުރު އީދު ކަމަށްވުމާއެކު މިއަދުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ބަޔާނެއްގައި ވަނީ މިއަދު އަޅުގަނޑުމެން އިސްކަންދޭންވީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމާއެކު އޯގާތެރިކަމާއެކު ލޯބިން އުޅޭ މުޖުތަމައުއެއް ބިނާކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި ތިބި އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް މަތިން ހަނދާންކޮށް، އެމީހުންނަށް އަޅާލައި ހެޔޮދުއާކުރުމަކީ އަޅުގަނޑުމެން ކުރާންޖެހޭ ކަމެކެވެ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އާއިލީ ގުޅުންތައް ވަރުދަކަކޮށް ދެމެހެއްޓުމަށް އާ އަޒުމެއް އަޅުގަނޑުމެން ކަނޑައަޅަންޖެހޭ ކަމަށެވެ. ހަމައެހެންމެ މާޒީގައި އެކިކަހަލަ ކަންކަމާ ގުޅިގެން އެއްވެސް ފަރާތަކާ މެދު ހިތުގައި ބުރަކަމެއް އޮތްނަމަ ހިތް ސާފުކޮށް އެފަދަ ފަރާތްތަކަށް ހިތްހެޔޮކޮށް ގުޅުން ރަނގަޅުކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުމުގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ލޯތްބެއް އުފެދި، އެއްބައެއްގެ ގޮތުގައި އެއް ރޫހެއްގައި ގައުމަށްޓަކައި މަސައްކަތްކޮށްފިނަމަ އެއިން ހާސިލްކުރެވޭ އުސްމިންތައް ގިނަކަމުގައި އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.

"އެ އުސްމިންތަކުން އަޅުގަނޑުމެން އެންމެނަށް ވެސް ލިބޭނީ އުފަލާއި ހިތްހަމަޖެހުމެވެ. ގައުމަށް ލިބޭނީ އާރޯކަމާއި ތަނަވަސްކަމެވެ،" ސިޔާމް ވިދާޅުވި އެވެ.

އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމަކީ ވެސް އަދި އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ދިރިއުޅުމުގެ ކުރިމަގާއި ގައުމުގެ މުސްތަގުބަލާމެދު ފުންކޮށް ވިސްނުމަށްފަހު އަޅާ ފިޔަވަޅަކަށް ހެދުމަށް ވެސް ސިޔާމް ވަނީ ގޮވާލައްވާފައެވެ.