ހުރަވީ ބިލްޑިންއަށް މިއަދު ވަދެ އިމިގުރޭޝަން މުއައްޒަފަކަށް ބިރުދައްކައިގެން ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް މިއަދު ވިދާޅުވީ، ހުރަވީ ބިލްޑިންގްގެ ތިން ވަނަ ފުލޯއަށް ވަގަކު ވަދެ އެތާ މޭޒެއް މަތީ ބަހައްޓާފައި ހުރި ފޯނެއް ވަގަށް ނަގައި އިމިގުރޭޝަންގެ މުއައްޒަފަކަށް "ތޫނުކޮށްފައި އޮތް އެއްޗަކުން" ބިރުދައްކައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

"އޭނަ ބިރުދެއްކީ މަރާލާނެ ކަމަށް ބުނެ، އެއަށް ފަހު މުވައްޒިފުގައިގަ ތަޅައިގަތީ، މުޅިގަމީސް އިރިފައި އޮތީ، އެކަމަކު އަނެއްހެން ބޮޑު އަނިޔާއެއް ވެފައެއް ނެތް." ހަލީލް ވިދާޅުވި އެވެ.

ފޭރުނު މީހާ އާންމުންގެ އެހީތެރިކަމާއެކު ހިފަހައްޓާފައި--- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ފޯނުވަގަށް ނަގައި މާރާމާރީ ހިންގުމަށް ފަހު ފޯނު ހިފައިގެން އެމީހާ ދުވެފައި ދަނިކޮށް އާންމުންގެ އެހީތެރިކަމާ އެކު އޭނާ ހިފެހެއްޓީ އަލިކިލޭގެފާނު މަގުން މުލިއާގޭ ކައިރިންނެވެ. އެއަށްފަހު އޭނާގެ އަތުން ވަނީ ފޯނު އަތުލާފަ އެވެ.

ފުލުހުން މިހާރު ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފޭރިގެން މިއަދު ހައްޔަރުކޮށްފައިވާ މީހާއަކީ އެފަދަ ކުށްތަކުގެ ރެކޯޑް އޮންނަ ފަރާތެކެވެ.