ރާއްޖެ ކޮމަންވެލްތުން ވަކިވާނަމަ އޭގެ އަސަރު ޒުވާނުންނާއި އަންހެނުންނަށް އަދި ރާއްޖޭގެ އިގުސޯދަށް ވެސް ކުރާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ޑރ. ޖަމީލް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ދެކެ ރުޅި އައިސްގެން ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމާ ނަމަ އެއީ "ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.

"މިސާލަކަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، އެކަމަ ގުޅޭ އޮޕަރޭޝަންތަކުގައި ރާއްޖެއިން މައިގަނޑު ގޮތެއްގައި އެހީތެރިކަން ހޯދަނީ ކޮމަންވެލްތުން،" ނައިބު ރައީސް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސް މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައި ވަނިކޮށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ އަދި ޕާކިސްތާން، ސީމެގްގައި ހިމެނޭ ދުވަސްވަރެއްގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ "މޮޔަކަމެއް" ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ސިންގަޕޫރާއި މެލޭޝިއާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާ އަދި ނިއުޒީ ލެންޑާ މެދު ރާއްޖެއިން ގާތްގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ އިގުތިސޯދަށާއި ސަލާމަތަށް ވެސް ބޭނުންތެރި ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ކުޑަ ގައުމަކަށް ވާއިރު، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ކޮމަންވެލްތުގެ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މިހާތަނަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި މަސައްކަތުގެ މޭވާ ވަނީ ލިބިފައި ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ސީމެގުން އެއްވެސް ފިޔަވަޅެއް ނޭޅީ ދުންޔާ ކުރި މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1985 ވަނަ އަހަރު ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ ހެދީ އެކަމުން ލިބޭނެ ފައިދާ އާއި ގެއްލުމާ މެދު ވިސްނުމަށްފަހު ކަމަށެވެ.

"ރައީސް މައުމޫނުގެ ޒައާމަތުގައި 1985 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވީ، އެ ޖަމިއްޔާގެ ހާއްސަ މެންބަރެއްގެ ގޮތުގައި 3 އަހަރު ދުވަހު، އެ ޖަމިއްޔާގައި ބައިވެރިވުމުން ލިބޭނޭ ފައިދާއާއި ގެއްލުން ރަނގަޅަށް އޮބްޒާވް ކުރުމަށްފަހުގައި،" ނައިބުރައީސްގެ ބަޔާނުގައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވުމާއެކު ކޮމަންވެލުތުގައި ބައިވެރި ނުވުމަކީ، ރާއްޖެއަށް އޭރު ހެދުނު ވަރަށް ބޮޑު ގޯހެއްކަން 1985 ވަނަ އަހަރު ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް މައުމޫން ނިންމެވި ނިންމެވުމުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"މިހާރު ރާއްޖެ މިވަނީ 50 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މިސްރާބުޖަހާފައި. އެހެންކަމުން ކުރިން ހެދުނު ގޯސް އަޅުގަނޑުމެން އަލުން ތަކުރާރުވިޔަދީގެން ނުވާނެ،" ނައިބުރައީސް ޖަމީލް މިރޭ ނެރުއްވި ބަޔާނުގައި ވެއެވެ.