22 Jul 2015, 15:43
އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް(އީވައިސީ) ޗެއާމަން އަކަށް ނައިބް ރައީސް އަހުމަދު އަދީބު ހަމަޖައްސައި ޓޫރިޒަމް މިނިސްޓްރީ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގަވަން ނިންމަވައިފި އެވެ.
އަދީބު ކުރިން ހުންނެވީ އީވައިސީގެ ވައިސް ޗެއާމަން އަކަށެވެ. ޗެއާމަންއަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ނައިބު ރައީސްކަމުގެ ހުވާކުރެއްވި އަދީބަށް ވަނީ އެކައުންސިލްގެ ޗެއާމަންކަން ދެއްވާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ނަމަވެސް އޭގެ ތަފްސީލް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.
ނައިބް ރައީސް އަދީބުގެ ބެއްލެވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމަށް ރައީސް ނިންމާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.