22 Jul 2015, 16:43
އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ޖަމިއްޔަތުއް ސަލަފްގެ އިލްމުވެރިންނާއެކު ސަރުކާރުގެ ފަރާތުން މަޝްވަރާކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
އެބައްދަލުވުމުގައި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނަމަވެސް މަޝްވަރާގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި އިންނަވާ އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އިސްލާހު ގެނައުމުގެ ފުރުސަތު ވެސް މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ވެސް އަނާރާ ވަނީ ވިދާޅުވެފަ އެވެ.
ގާނޫނު އަސާސީއަށް ހުށަހާޅާފައިވާ އިސްލާހުގެ ބިލަށް އަނާރާ ހުށަހަޅުއްވަން ނިންމެވީ އެންމެ ގިނަވެގެން ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިމެއް މިލްކު ކުރެވޭނީ ގިނަވެގެން 150 އަހަރެވެ.