23 Jul 2015, 21:35
ޗެލްސީގެ އާ ގޯލް ކީޕަރު އަސްމިރު ބެގޮވިޗް އެޓީމުގެ ގޯލް ބެލެހެއްޓި ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.
އުތުރު އެމެރިކާއަށް ޗެލްސީ ކުރަމުން ގެންދާ ތިން މެޗުގެ ޓުއާގައި ކުޅުނު ފުރަތަމަ މެޗުގައި ނިއުޔޯކް ރެޑްބުލްސް ޗެލްސީ މައްޗަށް ކުރި ހޯދީ ފުރަތަމަ ހާފުގެ 26 ވަނަ މިނިޓްގައި ލޮއިކް ރެމީ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީ 1-0 ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށެވެ. ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމިގެން ދިޔައިރު، ޗެލްސީގެ ގޯލް ބަލަހައްޓާފައި ވަނީ ތިބައު ކޯޓުއާ އެވެ.
ޗެލްސީގެ ފުރަތަމަ ހާފް:
- ކޯޓުއާ، އިވަނޯވިޗް (ކެޕްޓަން)، ކޭހިލް، ޒޫމާ، އަޒޕިލިކުއެޓާ، ފަބްރެގާސް، މިކޭލް، ޓްރައޮރޭ، އޮސްކާ، މޮސެސް، ރެމީ.
ޗެލްސީގެ ދެވަނަ ހާފް:
- ބެގޮވިޗް، އައިނާ، ޒޫމާ، ޓެރީ (ކެޕްޓަން)، އަޒްޕިލިކުއެޓާ، ރަމިރޭޒް، މަޓިޗް، ހަޒާޑް، ލޮފްޓަސް-ޗީކް، އޮސްކާ، ޑިއެގޯ ކޮސްޓާ.
ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީގެ ޕްރިސީޒަން ފުރަތަމަ މެޗުގައި ޓީމުގައި ހިމެނޭ ޒުވާން، އަދި އާ ގިނަ ކުޅުންތެރީންތަކެއް މޮރީނިއޯ ބޭނުން ކޮށްފައިވާއިރު، މެޗުގައި ޗެލްސީ ކޮޅަށް ވަން ހުރިހާ ލަނޑެއް ވެސް ވަދެފައި ވަނީ، ސްޓޯކް ސިޓީން މިމަހު 8 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި އުމުރުން 28 އަހަރުގެ ބޮސްނިއާ ކީޕަރު ދެވަނަ ހާފްގައި ކޯޓުއާގެ ބަދަލުގައި ގޯލް ބަހައްޓަން ނުކުތްފަހުންނެވެ.
ނިއުޔޯކް ރެޑްބުލްސްގެ ފުރަތަމަ ލަނޑު، 51 ވަނަ މިނިޓްގައި ފްރެންކްލިން ކެސަލެނޯސް ކާމިޔާބުކުރި އިރު، މެޗުގެ 70 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ލީޑު ނަގައި ދިނީ ޓޭލާ އެޑަމްސް އެވެ. އޭގެތިން މިނިޓް ފަހުން އެޓީމުގެ ތިން ވަނަ ލަނޑު ސީން ޑޭވިސް ނިއުޔޯކް ރެޑްބުލްސްގެ ލީޑު ތިނަކަށް ފުޅާކޮށްދީފައި ވަނި ކޮށް 75 ވަނަ މިނިޓްގައި އެޑެން ހަޒާޑް ވަނީ ލަނޑެއް ކާމިޔާބުކޮށް 3-2 އަށް ލީޑު ހަނިކޮށްފައެވެ. އެހެން ނަމަވެސް ޑޭވިސް ވަނީ 77 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްލައިފައެވެ.
މެޗަށް ފަހު، ބެގޮވިޗްގެ ދިފާއުގައި ވާހަކަދައްކަމުން ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނީ، ޗެލްސީ ކޮޅަށް ފަހު ހާފުގައި ވަން 4 ލަނޑަކީ، ފަރިތަކުރުންތަކުގައި މާ ބުރަކޮށް އުޅެން ޖެހުމުން "ވަރުބަލި" ވެފައި ހުރުމުގެ ސަބަބުން ބެގޮވިޗް ކައިރިން ވަން ލަނޑުތަކެއް ކަމަށެވެ.
"ބެގޮވިޗް އެހާ ހުށިޔާރެއް ނޫން މިއަދު. ސަބަބަކީ ޓްރެއިނިންގް ތަކަށްފަހު އޭނާ ވަރުބަލިވެފައި ހުރުން. އެކަމަކު ޗެލްސީ ދެންކުޅޭ މެޗުގައި ޕީއެސްޖީއާ ދެކޮޅަށް ސްޓާޓް ކުރާނީ ބެގޮވިޗް،" ގިނަ އަހަރުތަކަކަށް ފަހު ޗެލްސީ ދޫކޮށްއާސެނަލްއާ ގުޅުނު ޕެޓާ ޗެކްގެ ބަދަލުގައި ޗެލްސީއަށް ގެނައި ގޯލް ކީޕަރުގެ ކުރިމަގާ އުޖާލާކަން ފާހަގަކޮށް މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، އޭނާއަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ، ޓީމުގެ ބަލިކަށިކަން ފެނިފައި ކަމަށާއި ދެވަނަ ހާފްގައި ނިއުޔޯކް ރެޑްބުލް ފަދަ ޓީމެއްކައިރީ ރަނގަޅަށް ހިފަހައްޓައި ނުލެވުމުން ކަމަށެވެ.
ޗެލްސީގެ މި ޓްއާގައި ހޮނިހިރު ދުވަހު ނޯތު ކެރޮލީނާގައި ނުކުންނާނީ، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. އަދި މި މަހުގެ 29 ވަނަ ދުވަހު ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ދެކޮޅަށް ޗެލްސީ ކުޅޭ މެޗު އޮންނާނީ ވޮޝިންޓަން ޑީސީގައެވެ.
ކުރިއަށް އޮތް ސީޒަންގެ ޕްރިމިއަ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި އޯގަސްޓް 8ގައި ސުވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އޯގަސްޓް 2ގައި އޮންނަ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލްއާ ޗެލްސީ ވާދަކުރާނެއެވެ.