23 Jul 2015, 22:46
ކުރާކަންތައްތަކާ މެދު ފާޑުކިޔަންޖެހޭ ކަމަށާއި ނަމަވެސް ފާޑުކިއުމަކީ އަނެއް އިންސާނާގެ ހުރުމަތް ވެއްޔާއި މޮޑެލުން ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ތަހުޒީބީ ރީތި އުސޫލުތައް ގެންގުޅެންޖެހޭ ކަމަށެވެ.
ފާޑު ކިއިދާނެ. ފާޑު ކިއަންވެސް ވާނެ. ފާޑުކިޔުމަކީ އަނެއް އިންސާނާގެ ހުރުމަތް ވެއްޔާއި މޮޑެލުމެއް ނޫން. ތަހުޒީބު ރީތި އުސޫލުތައް ކޮންމެ ކަމެއްގައި ވެސް ދަސްކުރަންޖެހޭސީޕީ ޙުސައިން ވަހީދު
ޑިއުޓީ އަދާކުރަމުން ދަނިކޮށް ބައެއް ފުލުހުން މަރާލާފައިވާއިރު، އެފަދަ ހާދިސާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ސީޕީ ވިދާޅުވީ، އެފަދަ ކަންތައްތައް ހިނގަން މެދުވެރިވަނީ ފުލުހުންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ރުޅި އާއި ހަސަދައިގެ އަލިފާން ރޯކުރުވައި އެތައް ބަޔަކަށް ވެރިކުރުވާ ނުތަނަވަސް އުދާސްތަކެއްގެ ސަބަބުން ކަމަށެވެ.
ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދައްކާ ވާހަކަތަކުގެ ސަބަބުން އުފެދެނީ ފުލުހުންގެ ޖާނީ ދުޝްމަނުންތަކެއް ކަމަށާއި އެފަދަ ކަންތައް ނުކުރުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ދިވެހި ފުލުހުންނަށް އެއްވެސް ފަރާތަކުން ހަގީގަތާ ޚިލާފު ވާހަކަދައްކައި ނެހެދުމަށް. ފުލުހުންގެ ތަސްވީރު ކިލަނބު ނުކުރުން. ފުލުހުންގެ ފުރާނަ މިދުނިޔެއާ ވަކިވެގެންދާންޖެހޭ ސަބަބެއްގެ ގޮތުގައި ހަމައެއްވެސް މީހަކު ފަތުރާ ނުބައި ވާހަކަތަކެއް ހިމެނިގެން ނުދިޔުން،" ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް ފުރިހަމައަށް އަދާކުރާ ބައެއްގެ ގޮތުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. އަދި ފުލުހުންނަކީ ގާނޫނަށް ކަމޭހިތާ ކޮންމެ ރައްޔިތަކަށް އަމާންކަމުގެ ދޮރޯށި ހުޅުވާލައިގެން ޚިދުމަތްކުރާ ބައެއް ކަމުގައި ވެސް ސީޕީ ވިދާޅުވި އެވެ.