25 Jul 2015, 15:12
ކާބޯތަކެތީގެ ލޭބަލުގައި އެ އެއްޗެއް އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު ފަސޭހައިން ކިޔަން އެނގޭ ގޮތަށް ލޭބަލްކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ފުޑު އެންޑު ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީން ބެލި ބެލުމުން ބައެއް ބޭކަރީތަކުން ތައްޔާރުކުރާ ޕާނާއި ބަނަސް ފަދަ ކާބޯތަކެތީގެ ލޭބަލްގައި ތާރީޚު ލިޔެފައިވާއިރު އެއީ އުފެއްދި ނުވަތަ މުއްދަތު ހަމަވާ ތާރީހުކަން އެނގެން ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތަށް މުއްދަތު ހަމަވާ ތާރީޚު އެނގެން ނެތުމަކީ މުދާ ގަންނަ ފަރާތަށް މުއްދަތު ހަމަވެފައިވާ އެއްޗެއް ބޭނުން ކުރެވި، އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
"މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާބެހޭ ގަވާއިދު" ގެ 19 ވަނަ މާއްދާގެ ދަށުން ޕެކެޓު ނުވަތަ ދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެތި ވިއްކުމަށް ބަހައްޓަންވާނީ އެ އެއްޗެއް އުފެއްދި ތާރީޚު އަދި މުއްދަތު ހަމަވާ ތާރީޚުގެ މައުލޫމަތު މުދާ ލިބިގަންނަ ފަރާތަށް ކިޔަން އެނގޭގޮތަށެވެ." އިއުލާނުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން މީގެކުރިން ވެސް ވަނީ ކާބޯތަކެތީގައި ރަނގަޅަށް ލޭބަލުކޮށްފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.