26 Jul 2015, 17:22
ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުއްމިއާ އެއްގޮތަށް އުޅަނދެއް ބަނުމަށް ރުކެއް ކަނޑަނިކޮށް ހިނގި ހާދިސާއެއްގައި ހދ. ނޭކުރެންދޫގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ނޭކުރެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިޒާނު މިއަދު "ސަން" އަށް ވިދާޅުވީ އެކަން ހިނގީ ކަޅުއޮށްފުއްމި ބަނުމަށް ރުއް ކެނޑުމަށް ހޯމް މިނިސްޓުރީން ހުއްދަ ދީފައިވާ ސަރަހައްދުން ކަމަށެވެ. އަދި އެކަމެއް ހިނގީ ކަނޑާލި ރުއް އެހެން ރުކެއްގައި ޖެހި އެ ރުއް ވެއްޓިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނިޔާވީ 29 އަހަރުގެ އަންހެނަކަށް ކަމަށެވެ.
"އަނިޔާވީ އެ ސަރަހައްދަށް ފަން ހޮވަން ވެގެން ގޮސް އުޅުނު ދެ މީހުންގެ ތެރެއިން އެކަކަށް މި އަނިޔާވި،" ސިޒާނު ވިދާޅުވި އެވެ.
ސިޒާނު ވިދާޅުވީ އަނިޔާވި އަންހެން މީހާއަށް ނޭކުރެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށްޓަށް ފޮނުވާލައިފައިވާ ކަމަށެވެ.
"މާބޮޑު އަނިޔާތަކެއް ބޭރުފުށަކުން ފެންނާކަށް ނެތް. ނަމަވެސް އިތުރު ފަރުވާ ދިނީމަށް ދެއްތޯ ކަމެއް ވެފައި ހުރިއްޔާ އެނގޭނީ،" ސިޒާނު ވިދާޅުވި އެވެ.
ކަޅުއޮށްފުއްމި ބަނުމަށްޓަކައި ނޭކުރެންދޫގައި މިހާރު އަންނަނީ ހަރުގެ އެޅުމުގެ މަސައްކަތް ކުރަމުން ނެވެ.