ކޮލަންބޯ އިން: މުހައްމަދު ސިމާއު

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން، މާލެ އާއި އަތޮޅުތެރޭގެ ރަށްތަކެއްގައި ކުލަ ގަދަކޮށް ދަނީ ފާހަގަ ކުރަމުންނެވެ. މުޅި ގައުމު އޮތީ ގައުމީ ކުލަތަކުން ދިއްލާލާފަ އެވެ. މިނިވަންކަމުގެ ރާގުތަކުން ގުގުމާލާފަ އެވެ. ފޯރި ގަދަކޮށްފަ އެވެ. ފެންނަމުންދަނީ މިނިވަން ޖައްވަކަށް ނޭވާލަމުން، އުފާ ހޯދަމުންދާތަނެވެ.

ދިހަ ހާހަށް ވުރެ ގިނަ ދިވެހިން އުޅެމުންދާ ސްރީލަންކާގައި ވެސް މިނިވަން 50ގެ ފޯރި ވަކި ކުޑައެއް ނޫނެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް މި އަހަރު ކޮޅުބުގައި އޮތީ މެކުހަށް ޖަހައިފަ އެވެ. ރާއްޖެއަކަށް ވަކި ދުލެއް ނުދެ އެވެ. ލަންކާގައި ތިބި ދިވެހިން ބުނާގޮތުން ނަމަ، އެ މީހުންނަށް ކުރެވެނީ އުފަން ފަސްގަނޑުގައި ތިބެ، މިނިވަން ދުވަސް ފާހަގަކުރެވުނު ފަދަ އިހުސާސެކެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްއީސީސީ/ޝައްމޫން

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހަށް އެހާބޮޑަށް ތައްޔާރުވީ، މިނިވަން 50 ވީހާވެސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދި މި އަހަރުގެ މިނިވަން ދުވަހަކީ މިހާތަނަށް ލަންކާގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރި ދުވަހަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކާ އިމާރާތްތައް ބޮކިފަތިތަކުންނާއި ގައުމީ ކުލަތަކުން ޒީނަތްތެރިކޮށް ނަލަ ކޮށްފައިވާ އިރު، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީ އާއި ސޯސަންވިލާ ވެސް ވަނީ ފެއްސާ، ރަތާއި ހުދުން ދިއްލާފަ އެވެ. ގައުމީ ކުލަތަކުން ޖަރީކޮށްފަ އެވެ.

ލަންކާގައި މިނިވަން ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އިއްޔެ ހެނދުނު ބޭއްވި ގައުމީ ދިދަ ނެގުމުގެ ހަފްލާއިންނެވެ. ކޮލަންބޯގައި އުޅޭ ބައެއް ދިވެހިންނާއި މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ކުރީގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކިޔަވާ ގިނަ އަދަދެއްގެ ކުދިންނާ އެކު ގައުމީ ދިދަ ނަންގަވައިދެއްވީ، ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޒާހިޔާ ޒަރީރެވެ. އެ ރަސްމިއްޔާތުގައި މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ހާއްސަ ހިތާބު ވެސް ވަނީ އިއްވާފަ އެވެ.

މިނިވަން 50 އަށް ސޯސަން ވިލާ ޒީނަތްތެރިކޮށްފައި --- ފޮޓޯ/ މާހިލް މުހައްމަދު

ދިދަ ނެގުމުގެ ހަފްލާއަށް ފަހު، މިނިވަންކަމުގެ ހަރަކާތްތައް ސޯސަންވިލާގައި ފެށިގެން ދިޔަ އެވެ. ވާދެމުމާއި އަންހެން އަދި ފިރިހެނުންގެ ބަށި ކުޅުމާއި ފައިގަ ތަޅާ ކުޅުން ފަދަ ފޯރިގަދަ ކުޅިވަރުތަކުންނެވެ. ހެނދުނުގެ ދަންފަޅިއަށްމާކަ ބޮޑު ތަރުހީބެއް ދިވެހިންގެ ފަރާތުން ނުލިބުނު ނަމަވެސް، މެންދުރު އޮތް ދިވެހި ކެއުމަށް އިންސާފުކޮށްލުމަށް ގިނަ އަދަދެއްގެ ދިވެހިން ސޯސަންވިލާއަށް ޖަމާވި އެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް ފަހު މެންދުރު ފަހު ކުރިއަށް ދިޔައީ ދަފިނެގުމާއި ބޮޑުމަސް ނެރުން ފަދަ ސަގާފީ ބައެއް ކުޅިވަރުތަކާއި އާއިލީ ހަވީރެކެވެ. އެ ހަވީރުގައި އެމްބަސީގެ ފަރާތުން ވަނީ މިނިވަން 50 އަށް ހާއްސަ ކޭކެއް ވެސް ފަޅާފަ އެވެ. ބައެއް ކުޑަކުދިންނާ އެކު ކޭކް ފަޅައިދެއްވީ އެމްބެސެޑަރު ޒާހިޔާ ޒަރީރެވެ.

އާއިލީ ހަވީރުގައި ކުޑަކުދިންގެ ހިތްގައިމު ހުށަހެޅުންތަކުން ސޯސަންވިލާ ގުގުމާލި އިރު، ގޭމްތަކާއި މެޖިކް ޝޯއަކާއެކު ކުރިއަށްދިޔަ އެ ހަވީރަށް ގިނަ އަދަދެއް ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން ޒިޔާރަތްކޮށް ހިތްގައިމު ވަގުތުތަކެއް ހޭދަ ކުރި އެވެ. އެ މާހައުލު ސިފަވެގެން ދިޔައީ އަތޮޅުތެރޭގެ ރަށެއްގައި އީދަށް ނަގާ ފޯރި އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްއީސީސީ/ޝައްމޫން

ލަންކާގައި ބޭއްވި މިނިވަން ދުވަހުގެ ހަރަކާތްތައް ނިންމާލީ ރޭ ސޯސަންވިލާގައި ބޭއްވި ފޯރިގަދަ ޝޯއަކުންނެވެ. ޝޯ ބެލުމަށް ސޯސަންވިލާއަށް ގިނަ ދިވެހިންތަކެއް ޖަމާވި އިރު، އެއްވެ ތިބި މީހުންނަށް އުފާވެރިކަން ގެނެސްދިނީ، ޝޯ ފެށުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތްތަކުންނެވެ. ލަވަކިޔުމާއި ޑުއެޓްތަކުން މުނިފޫހިފިލުވާލަދިން އެ ޝޯއަށް އިތުރު ޖޯޝެއް ގެނެސްދިނީ ސޯސަންވިލާގެ ޒުވާން ބޮޑުބެރު ގްރޫޕުން ހުށަހަޅައިދިން ހިތްގައިމު ހުށަހެޅުންތަކުންނެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކަށް އެހާމެ ބޮޑު ތަރުހީބެއް ލިބޭނެ ކަމާމެދު ސޯސަންވިލާ އިން ވެސް އުއްމީދެއް ނުކުރި އެވެ.

"އަޅުނގަޑުމެން ރޭގަނޑު ބޭއްވި ޝޯއަށް ވެސް އެހާ ގިނަ މީހުން އަންނާނެ ކަމަކަށް އުއްމީދެއް ނުކުރަން. އެހެންވެގެން އިންޑޯގައި ޝޯ ބޭއްވީ. އެކަމަކު ފަހުން ހިތައް އެރި ބޭރު ގޯތި ތެރޭގައި ބޭއްވުނު ނަމައޭ. ހޯލު އޮތީ މީހުންނައިގެން ތޮއްޖެހިފަ. މިފަހަރު ދިވެހިންގެ ފަރާތުން ލިބުނީ ހީވެސްނުކުރާ ބޮޑު ތަރުހީބެއް،" 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވި، ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ މަޝްހޫރު ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަން އައުމަށްފަހު ސޯސަންގެއަށް ވަނީ ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން އީދު ފަދަ ގައުމީ އަދި ހާއްސަ ދުވަސްތައް ފާހަގަކުރުން އިތުރުވެފައިވާ ކަމަށާއި މިއަހަރުގެ މިނިވަން ދުވަހު މާލެ ނުފެނު ނަމަވެސް އެ "ފީލް" ލަންކާގައި ހުރެ ކުރެވުނު ކަމަށް ބުންޏެވެ.

"މާލެ ގޮސް ބޮކިފަތި ނުފެނުނަސް ޖުލައި 26 ފީލް ފެނޭ. އެމްބަސީން މިނިވަން ދުވަސް ފާހަގަކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބުނެވޭނީ ވަރަށް ބަރާބަރޭ. ހަމަ ސާބަހޭ،" ސްރީލަންކާގައި އުޅޭތާ މިހާރު އަށް އަހަރުވެފައިވާ އައްޔަ ބުންޏެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްއީސީސީ/ޝައްމޫން

ނަމަވެސް އައްޔަ ބުނާ ގޮތުން، އެންބަސީ ނުވަތަ ސޯސަންވިލާ އިން ކުރާ ކަންތައްތަކުގައި މިހާރަށް ވުރެ ވެސް ބޮޑަށް ލަންކާގައި އުޅޭ ދިވެހިން ބައިވެރިކޮށް، އެމީހުންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ ރަނގަޅު ކަމެކެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ އެކިކަހަލަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ދެކެން ބޭނުންވާ ކަމެއްކަމަށް އޭނާ ބުންޏެވެ.

ސޯސަންވިލާގެ ފަރާތުން އެކަމަށް އުފާވެރި ޖަވާބެކެވެ. "އަޅުނގަޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތް ގައުމީ ދުވަސްތަކާ ހާއްސަ ދުވަސްތައް ހަމަ ކުލަގަދަކޮށް، ވީހާވެސް ގިނަ ދިވެހިންނާ އެކު ފާހަގަކުރެވޭތޯ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްއީސީސީ/ޝައްމޫން