ހަޔާތުގެ ބައިވެރިއެއް ހޯދުމަށް އެތައް ބަޔަކު ގިނަ މަސައްކަތެއް ކުރާ އިރު، ލޯބިވެރިންނަށް ޓަކައި ނުވަތަ ކައިވެންޏަށް ޓަކައި އެތައް ގުރުބާނީތަކެއްވާ މީހުން ވެސް ވަކި މަދެއްނޫނެވެ. ރޫޅިފައިވާ ކައިވެންޏަކަށް ޓަކައި ނުވަތަ ބީވެފައިވާ ލޯބިވެރިއެއް އަނބުރާ ހޯދުމަށް ކުރާ މަސައްކަތް އަދި އިތުރެވެ.

ނަމަވެސް، ރޫޅިފައިވާ ކައިވެންޏަށްޓަކައި "ފެޓް މޭން"ގެ ނަމުން މަޝްހޫރު ވަމުން އަންނަ އެމެރިކާގެ މީހަކު ކުރާ މަސައްކަތަކީ ބުރަ އަދި ގަބޫލުކުރަން ދަތި ކަމެކެވެ. ކުރީގެ އަނބީމީހާ އަނބުރާ ހޯދުމަށާއި ހިކުމުގެ އަޒުމުގައި ބަރުދަނުގައި 563 ޕައުންޑް ހުންނަ އުމުރުން 40 އަހަރުގެ އެރިކް ހައިޓްސް ދަނީ އެމެރިކާގެ އެއްކޮޅުން އަނެއްކޮޅަށް ބައިސްކަލު ދުއްވަމުންނެވެ.

ހައިޓްސް ބުނި ގޮތުގައި، އޭނާގެ އެ ދަތުރު ފެށީ ސިއްހަތު ގޯސްވެ، ފަލަވާން ފެށުމުގެ ސަބަބުން ދެމަފިރިންގެ ދޭތެރޭ މައްސަލަތައް އުފެދި، މިދިޔަ އަހަރު ކައިވެނި ރޫޅުމުންނެވެ.

"ފުރަތަމަ ހަފްތާ ތެރޭގައި އަހަންނަށް އޮޅުންތަކެއް އެރި. އަހަންނަށް މި ކުރެވޭ ކަންތަކާމެދު. އަހަރެން މިކަން މިކުރަނީ އަހަރެންގެ އަނބިމީހާ ދެކެ ލޯބިވާތީ. އަހަރެން ބޭނުންވަނީ އަހަރެންގެ މުޅި ހަޔާތް އޭނާއާ އެކު ހޭދަކުރަން. އެކަމަށް ޓަކައި މިކަންކުރަނީ،" ހައިޓްސް ބުންޏެވެ.

ދެ ފުރޮޅުލީ ބައިސްކަލެއްގައި ފަހަތުގައި 300 ޕައުންޑުގެ މުދާ ހިފައިގެން ހައިޓްސް ދަތުރުފެށީ އޭނާގެ ފިޒީޝަން އަދި ކާޑިއޮލޮޖިސްޓްގެ ހުއްދައާ އެކު މީގެ ދެ މަސް ކުރިން މަސަޗޫސެޓްސް އިންނެވެ. އަދި ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭގައި ހައިޓްސް ވަނީ އޭނާގެ ބަރުދަނުން 60 ޕައުންޑް ހިއްކާލައިފަ އެވެ.

"ފުރަތަމަ ދުވަހު 100 ޔާޑަށް ދުއްވާފައި ވަރުބަލި ވެގެން އުޅުނީ. އެކަމަކު މިހާރު ފަސޭހަކަމާ އެކު މޭލަކަށް ދުއްވާލެވޭ،" ބައިސްކަލު ހަކާލުވެގެން ޓިވާޓަންގައި ހަފްތާއެއް ވަންދެން މަޑުކުރަން ޖެހިފައި ހުރި ހައިޓްސް ބުންޏެވެ.

ހައިޓްސްގެ އެ ދަތުރުގައި އެތައް ފަހަރަކު ބައިސްކަލުގެ ފުރޮޅު ހަލާކުވެގެން މަޑުކުރަން ޖެހުނު އިރު، ހައިޓްސްގެ އެދަތުރަށް ހާއްސަ ބައިސްކަލެއް، އަމިއްލަ ކުންފުންޏަކުން ވަނީ އޭނާ އަށް ހަދިޔާކޮށްފަ އެވެ.

ލޯތްބައްޓަކައި ހައިޓްސް ކުރާ އެ ދަތުރުގެ ދަތުރުނާމާ އޭނާގެ ވެބްސައިޓް އަދި ބްލޮގް "ފެޓް ގާއީ އެކްރޮސް އެމެރިކާ" (ފަލަ މީހާ އެމެރިކާގެ އެއްކޮޅުން އަނެއްކޮޅަށް) ގައި ހިއްސާކުރަމުންދާއިރު، ގިނަ ބައެއް ފަރާތުން އޭނާއަށްދަނީ ތައުރީފު ރައްދުވަމުންނެވެ. -- އޭޕީ