27 Jul 2015, 14:47
މިނިވަން 50 ފާހަގަކުރާއިރު ސީރިއާ، އިރާގު އަދި ލީބިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ މިނިވަންކަން ގެއްލެމުންދާ ގޮތާ މެދު ފިކުރުކޮށްލަންޖެހޭ ކަަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. ވަހީދު މިހެން ވިދާޅުވެފައި ވަނީ މިނިވަން 50އާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމީ ދާޚިލީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުން އޮތުން ކަމަށެވެ.
#Minivan50faahaga kuraairu Syria Iraq Libya fadha baeh ehen Islamee Gaum thakuge Minivankan gellemundhaa gothaa medhu fikuru kollan jehey.
— Mohamed Waheed (@DrWaheedH)July 26, 2015
ސީރިއާ، އިރާގު އަދި ލީބިޔާގައި ދަނީ ދާޚިލީ ހަނގުރާމަ ކުރަމުންނެވެ. ދާޚިލީ ހަނގުރާމަ އެންމެ ބޮޑަށް ހިނގަނީ ސީރިއާގައެވެ. ސީރިއާގައި ހަނގުރާމަ ފެށުނީ އެގައުމުގެ ރައީސް ބައްޝާރުލް އަސަދާއި ދެކޮޅަށް އުފެދުނު ހަރަކާތްތަކަކުންނެވެ. އިސްލާމިކް ސްޓޭޓް (އަައިއެސް) އިން ދަނީ ސީރިއާގެ ބައެއް ކޮންޓްރޯލްކޮށް ސަރުކާރާ ދެކޮޅަށް ބޮޑެތި ހަމަލާތައްދެމުންނެވެ.
އިރާގު މިނިވަން ކުރުމުގެ ނަމުގައި އެމެރިކާ ސިފައިން ކުރި ހަނގުރާމައަށް ފަހު އެ ގައުމުގައި ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ. އެމެރިކާއިން ގާއިމުކޮށްފައި އޮތް ޝިއައީ ސަރުކާރާއި ކުރުދީންނާ ދެމެދު ހަނގުރާމަ ދަނީ ކުރަމުންނެވެ. އަދި އައިއެސް އިން ވެސް ދަނީ އިރާގު ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
ލީބިޔާގެ ވެރިކަމަށް އައުމަށް އެތައް ޖަމާއަތެއްގެ މެދުގައި ދަނީ ހަނގުރާމަ ކުރަމުންނެވެ.
ޑރ. ވަހީދަކީ ވެރިކަން ނިމުމަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން މާގިނަ ވާހަކަފުޅުތައް ދައްކަވާ ބޭފުޅެއް ނޫނެވެ.