އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް މީގެ ތިން އަހަރު ކުރިން ފެށިގެން ތަކުރާރުކޮށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބޭބެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 14 އަހަރުގެ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ އެ ކުއްޖާގެ ބޭބެ ނޯތު ޕޮލިސް ޑިވިޝަންގެ ރަށަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ރ. ނ. އަދި ބ. އަތޮޅެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބޭބެއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ އަންހެންކުއްޖާ މިހާރު ވަނީ ޓެސްޓް ހެދުމަށް ޓަކައި އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ އަންހެން ކުއްޖާ އަކީ ގްރޭޑް 9ގައި ތައުލީމް ހާސިލުކުރަމުން އަންނަ ކުއްޖެކެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.