ނައިބު ރައީސް އަހުމަދު އަދީބުގެ ދައުވަތަކަށް "ވިޒިޓް މޯލްޑިވްސް އިޔާ މިއުޒިކް ފެސްޓިވަލް"ގައި ދިވެހިންނަށް ފެނިލުމަށް ރާއްޖެ ޒިޔާރަތްކުރި ބޮލީވުޑްގެ މަޝްހޫރުތަރި ބިޕާޝާ ބާސޫ އަދި ކަރަން ސިންގް މިއަދު ފުރައިފި އެވެ.

ބިޕާޝާގެ އިންސްޓާ ގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ދެއްވި މެހެމާންދާރީ އަށް ޓަކައި ފޯސީޒަން ކުޑަހުރާ މޯލްޑިވްސްއަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ވަރަށް ހާއްސަ ޝުކުރެއް ނައިބު ރައީސް އަހުމަދު އަދީބަށް އަދާކުރާ ކަމަށެވެ.

ބިޕާޝއާއި ކަރަން ރާއްޖެ އައިސްފައި ވަނީ މިދިއަ ބުދަ ދުވަހު އެވެ. ހަ ދުވަހު ފޯސީޒަން ކުޑަހުރާ އައިލެންޑް ރިސޯޓުގައި ހޭދަކުރުމަށް ފަހު ފުރާފައި ވަނީ މިއަދު ހެނދުނު އެވެ.

ރާއްޖޭގައި ހުރި ކޮންމެ ދުވަހަކު ވެސް ބިޕާޝާ ވަނީ އިންސްޓާ ގްރާމްގައި ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށް ޕޯސްޓްކޮށް، ރީތި ފޮޓޯތަކެއް ލާފަ އެވެ.

ވިޒިޓް މޯލްޑިވްސް ޝޯގައި ވާހަކަ ދައްކަމުން ބިޕާޝާ ބުނީ ރާއްޖެއަށް އައުމަކީ އަބަދު ވެސް ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. ބިޕާޝާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ކަރަން ސިންގް ވެސް ވަނީ ރާއްޖޭގެ ރީތި ކަމަށް ތައުރީފުކޮށްފަ އެވެ. ކަރަން ބުނީ "ސަނީ ސައިޑް އޮފް ލައިފް" އެހެން ބުނުމުން އެއީ ރާއްޖެ ކަމާމެދު ސުވާލެއް ވެސް ނުއުފެދޭހާ ރީތި ކަމަށެވެ.

ބިޕާޝާ އަކީ ހިންދީ ފިލްމް "ރާޒް" އާއި "ޖިސްމް" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓްރެސް އެކެވެ. އަދި ކަރަން ސިންގް ގްރޯވާ އަކީ ހިންދީ ޑެއިލީ ސޯޕްތައް ކަމަށްވާ "ދިލް މިލް ގައޭ" އާއި "ގަބޫލު ހޭ" ފަދަ ސީރީޒްތަކުން ފެނިގެންގޮސްފައިވާ އެކްޓަރެކެވެ.