30 Jul 2015, 11:41
ވިދިވިދިގެން ދެ އަހަރު ވަންދެން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލާ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލު ކުންފުންޏާ ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ ދައްކަންޖެހޭ މުއްދަތަށް ނުދެއްކުމުގެ ސަބަބުން އެ ފައިސާ ދެއްކުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒް އިން އެ ކުންފުންޏަކަށް އެއްގުމުން ވެސް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ކުންފުންޏެއް އުވާލެވޭނެ ކަމަށެވެ.
މިހާރުގެ ގާނޫނުގައި ބުނެފައިވަނީ:
- ކުންފުންޏެއް އުވާލުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނީ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އެ ކުންފުންޏެއް ރަޖިސްޓްރީ ކުރި ތާރީހުން ފެށިގެން އެއް އަހަރު ވާއިރުވެސް އެއްވެސް މަސައްކަތެއް ނުކުރާ ކުންފުނިތައް.
- ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކޮށް ދެ އަހަރުވާ ކުންފުނިތައް.
އިސްލާހު ހުށަހެޅުއްވި މެމްބަރު ފައްޔާޒު ވިދާޅުވީ، އޭނާ އިސްލާހު ހުށަހެޅުއްވީ ދާދިފަހުން ރާއްޖެއަށް ތައާރަފުވި ޓެކުސް ނިޒާމުގެ ސަބަބުން ކުންފުނީގެ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކުންފުންޏެއް ދެމިއޮތުމުގައި އިދާރީ ކަންތައްތަކެއް ކުރުމަށް ލާޒިމުވެ އެފަދަ ޒިންމާތައް އަދާ ނުކުރާ ކުންފުނިތަކުން އަދާކުރަންޖެހޭ ޖޫރިމަނާތަކުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ނުހިނގާ ކުންފުނިތައް އުވާލުމަށް ހުރަސްއެޅިފައިވާތީ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް: ފޮޓޯ/ މަޖިލިސް
އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 120 ދުވަހުގެ ތެރޭގައި އެހާ ތަނަށް އަހަރީ ފީ ނުދައްކާ ހުރި ކުންފުނިތަކުން އެފައިސާ ދެއްކުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒް އަންގަންވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ކުންފުނިތައް ގާނޫނުގައިވާ ގޮތުގެ މަތީން އުވާލުމަށް ރަޖިސްޓާ އޮފް ކޮމްޕެނީޒަށް ކަނޑައެޅިދާނެ ކަމަށެވެ.
ހަމައެއާއެކު ފައްޔާޒު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓާ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ކަނޑައަޅާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ވިޔަފާރީގެ މުއާމަލާތާ ގުޅޭ ޓެކުސް ނުވަތަ ޖޫރިމަނާ ފިޔަވާއި ކުންފުނީގެ އަހަރީ ފީއާއި އިދާރީ ފީތައް ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފަށައިގެން މައާފުވާނެ ކަމަށެވެ.
އިދިކޮޅު ޕާޓީން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު ސަރުކާރުން ވެސް ވަނީ ކުންފުންޏާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމައިފަ އެވެ.