ބ. ތުޅާދޫ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިގެން މާލެ ގެނެސް ތަހުގީގަށް މޯޗަރީގައި ބޭއްވި ތުއްތުކުއްޖާ ރޭގެ ވަގުތެއްގައި ވަޅުލައިފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު އަންހެން ކުއްޖާ ވަޅުލާފައިވަނީ އޭނާގެ ހަށިގަނޑުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންގެ އެހީތެރިކަމާއެކު އާއިލާގެ ބެލުމުގެ ދަށުން ރޭގެ ވަގުތެއްގައި އާސަހަރާގައި ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ތުޅާދޫގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓާއި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓްގެ ޓީމެއް ގެންދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އެެރަށު ގެެއެއްގެ ފާހާނާ ތެރޭގައި ވިހާފައިވާ އެ ތުއްތުކުއްޖާ އަކީ ދުވަސް ނުފުރައި ހަތް މަހުގައި ވިހާފައިވާ ކުއްޖެކެވެ. 18 އަހަރުގެ އަންހެނަކު ވިހެއި ކަމަށް ބުނާ އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ އަންހެން މީހާ ބަނޑުބޮޑުކަން އެރަށުގެ މީހުންނަށް އެނގުނީ ވެސް ވިހެއި ފަހުން ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.