ބައިބަލާ އެސޯސިއޭޝަނުން އިސްނަގައިގެން 'މިނިވަން ފަންސާސް ޗެމްޕިއަންޝިޕް' ގެނަމުގައި ބައިބަލާގެ އާ މުބާރަތެއް އަންނަ މަހު ހަތަރު ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަޙްމަދު އަސަދު ވިދާޅުވެއްޖެއެވެ.

ސަންއަށް ދެއްވި އިންޓަވިއުގައި އަސަދު ވިދާޅުވީ އަލަށް ފަށާ މުބާރާތް ކުރިއަށް ގެންދަނީ މިހާރު ކުރިއަށްދާ ބައިބަލާ މުބާރާތާއި ތަފާތުކޮށް ބަދަލުތައް ގެނެސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ މުބާރާތުގައި އެއް ޓީމެއްގެ ނަމުގައި ހަތަރު ފަސް ޓީމް ބައިވެރިވެފައިވާ ކަމަށާއި ނަމަވެސް އަލަށް ފަށާ މުބާރާތުން ޓީމެއްގެ ފަރާތުން މަދުވެގެން ބައިވެރި ވެވޭނީ ދެ ޓީމަށް ކަމަށެވެ.

"މިހާރު ކުރިއަށްދާ މުބާރާތުގައި އެއް ޓީމެއްގެ ފަރާތުން އެބަހުރި ތިން ހަތަރު ޓީމް ނުވަތަ ފަސްޓީމްވެސް ބައިވެރިވެފައި. މިސާލަކަށް އެލްޓީގެ ނަމުގައި އެޓީމްގެ ނަމާއި ގުޅުވައިގެން ތިން ޓީމެއް ނުވަތަ ހަތަރު ޓީމެއްވެސް ބައިވެރިވެފައި އޮވެދާނެ. ނަމަވެސް އަލަށް ބާއްވާ މުބާރާތުން އެގޮތަށް ބައިވެރި ކުރެވޭނީ ދެ ޓީމް. އަނެހެން ބުނަންޏާ ބޭނުންވަނީ ޓީމްތައް މަދުކޮށް ފެންވަރު ރަނގަޅު މުބާރަތެއް ބާއްވަން" އަސަދު ވިދާޅުވިއެވެ.

ނަމަވެސް ކުޅެން ބޭނުންވާ އެންމެންނަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.

'މިނިވަން ފަންސާސް' ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް އެއް ލައްކަ ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް އަސަދު ވިދާޅުވިއެވެ.

ބައިބަލާ އެސޯސިއޭޝަނުން ވަނި އަލަށް ފަށާ ބައިބަލާ މުބަރަތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވަލާފައެވެ.