30 Jul 2015, 18:27
ތައިލެންޑްގެ ޓުއަރިޒަމް އަދި މެޑިކަލް ހަބް އާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދި ބޭއްވި ހާއްސަ ސެޝަނެއްގައި ތައިލެންޑްގެ ސިއްހީ ދާއިރާ އައި ހޮސްޕިޓަލުގެ އިސް ފަރާތުން ވަނީ ބައިވެރި ވެފަ އެވެ.
މުމްބާއީގައި އިންނަ ޓުއަރިޒަމް އޮތޯރިޓީ އޮފް ތައިލޭންޑް އިން އިންތިޒާމްކޮށްގެން މިއަދު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމުގެ ބޭނުމަކީ ތައިލެންޑުގައި ކުރިއަށްދާ މެޑިކަލް ހަބް ނުވަތަ މެޑިކަލް ޓުއަރިޒަމް އަކީ ކޮބައިކަން ބުނެދިނުމާއި އޭގެ ސަބަބުން ޓުއަރިޒަމް އަށް ލިބިގެންދާ ފައިދާތަކަކީ ކޮބައިކަން ހާމަކުރުމެވެ.

މިއަދު ބަނޑޮހުގައި ކުރިއަށް ގެންގޮސްފައިވާ ސެޝަންގެ ތެރެއިން--- ސަން ފޮޓޯ: ހާފިޒް
އެ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ފްޔާތައި ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އޮފިސަރު ޑރ. ސުރަޕޮންގް އަމްބަންވޮންގް ވިދާޅުވީ ތައިލެންޑްގެ ޓުއަރިޒަމްގެ 10 ޕަސެންޓް ހިމެނެނީ ތައިލެންޑްގެ ސިއްހީ ހިދުމަތްތައް ނުވަތަ މެޑިކަލް ޓުއަރިޒަމްގެ ބޭނުމަށް އަންނަ ފަރާތް ކަމަށެވެ.
އޭނާ ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަގުބޫލު ޓުއަރިސްޓް ޑެސްޓިނޭޝަނަކަށް ތައިލޭންޑް ހިމެނޭއިރު ތައިލެންޑަށް ވޭތުވެދިޔަ އަހަރު 24 މިލިއަން ޓުއަރިސްޓުން ގޮސްފައިވެ އެވެ.
ތައިލެންޑަކީ އޭޝިޔާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ކޮލިޓީ ރަނގަޅު ހޮސްޕިޓަލުތައް ހުރި ތަނެވެ.
އެގޮތުން ތައިލެންޑްގެ މެޑިކަލް ޓުއަރިޒަމްއިން އެންމެ ގިނައިން ހޯދާ ހިދުމަތްތަކުގެ ތެރޭގައި ހާޓް އެޓޭކްގެ މައްސަލަތައް ބެލުން ހިމެނެ އެވެ. އޭގެ އިތުރުން ސްޕައިން ޑީޖެނެރޭޓެޑް ބަލިތަކާއި ކެންސާރުގެ ބަލިތަކާއި ސިކުންޑި އާއި މައިބަދަ އާ ގުޅުން ހުރި ބަލިތައް އަދި ޑައިޖެސްޓިވް ސިސްޓަމްގައި ހުންނަ ބަލިތަކަކީ ވެސް އެންމެ އާންމުކޮށް ފަރުވާ ހޯދުމަށް އަންނަ ބަލިތައް ކަމަށް އަމްބަންވޮންގް ވިދާޅުވިއެވެ.
ތައިލެންޑްއިން މެޑިކަލް ޓުއަރިޒަމް ފޯރުކޮށްދޭއިރު ޕްރީމިއަމް 20 ހޮސްޕިޓަލެއް މިހާރު ހުރެ އެވެ. އެގޮތުން ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދުމަށް 35 އަށްވުރެ ގިނަ ގައުމުތަކުން ކޮންމެ އަހަރަކު ތައިލެންޑް އާދެ އެވެ.