ށ. ނަރުދޫގައި ޑެންގީ އާއި ވައިރަލް ހުމުގެ ނުރައްކާ ބޮޑުވެފައިވާތީ ބެލެނިވެރިން މިއަދު ސްކޫލަށް ކުދިން ނުފޮނުވި އެވެ.

ނަރުދޫ ސްކޫލްގެ ޕްރިންސިޕަލް ސްރީ ކުމާރު ސަން އަށް ވިދާޅުވީ މިއަދު އެ ސްކޫލަށް ހާޒިރުވެފައި ވަނީ ހަމައެކަނި ގްރޭޑް 10 ގެ ދަރިވަރުން ކަމަށެވެ.

"މިއަދު ސްކޫލަށް ހާޒިރުވީ ހަމައެކަނި ގްރޭޑް 10 ގެ ދަރިވަރުން. މިއަށް ވުރެ އިތުރަށް އަޅުގަނޑަށް މައުލޫމާތު ދެވޭކަށް ނެތް. ދެން އިތުރު މައުލޫމާތު ދެއްވާނީ އެޑިއުކޭޝަން މިނިސްޓްރީން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ނަރުދޫ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ އެ ސްކޫލްގެ ހަތަރު ދަރިވަރަކަށް ޑެންގީ ޖެހިފައިވާ ކަމަށެވެ. އޭގެތެރެއިން ދެ ދަރިވަރަކު ވަރަށް ސީރިއަސް ކަމަށާއި ހާލު ގޯސްވެ ސީރިއަސްވި އަންހެން ދަރިވަރަކު ވަނީ އެމަޖެންސީގައި މާލެއަށް ފޮނުވާލާފައި ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.

ބެލެނިވެރިޔާ ބުނީ އާންމު ރައްޔިތުންގެ ތެރެއިން 12 ވަރަކަށް މީހުންނަށް ޑެންގީ ޖެހިފައިވާ އިރު 10 މީހުންނަށް ރަށުން ބޭރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"މިރަށު ސިއްހީ މަރުކަޒަށް އެނގޭނެ އަޅުގަނޑުމެން މިދައްކަނީ ރަނގަޅުވާހަކައެއްކަން. މިރަށުން ޑެންގީ އާއި ވައިރަލް ފީވާ ކޮންޓްރޯލް ނުވަނީސް އަޅުގަނޑުމެން ކުދިން ސްކޫލަށް ނުފޮނުވާނަން. އަވަސް ފިޔަވަޅުތަކެއް އަޅައި މިރަށުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލަން،" ބެލެނިވެރިޔާ ބުންޏެވެ.

މިދުވަސްވަރު ނަރުދޫ ސްކޫލްގައި ކިޔަވައި ދިނުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމަށް ބުނެ ސަބަބު ބަޔާންކޮށް އެރަށު ސިއްހީ މަރުކަޒުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސްކޫލަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އެ ސިޓީގެ ކޮޕީ ސަން އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ވަނީ ރާއްޖޭގައި އެންމެ ބާރަށް ޑެންގީ ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ށ. އަތޮޅު ހިމެނޭ ކަމަށެވެ. އަދި ނަރުދޫ އަކީ މުޅި ށ. އަތޮޅުން ވެސް ޑެންގީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށް ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

"ވީމާ ހަލުވިކަމާ އެކު މިފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ސްކޫލްގެ ކިޔެވުން ފެއްޓުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫން ކަމުގައި މި މަރުކަޒަށް ފެންނަ ވާހަކަ ދަންނަވަމެވެ. ސަބަބަކީ ސްކޫލަކީ އަބަދުވެސް ގިނަ ކުދިންތަކެއް ޖަމާވެގެން އުޅޭ ތަނަކަށް ވެފައި ކުޑަކިދިންނަށް ބަލިޖެހޭލެއް ފަސޭހަވާނެތީވެ އެވެ،" ނަރުދޫ ސިއްހީ މަރުކަޒުގެ ސިޓީގައިވެ އެވެ.

އެ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ސިއްހީ މަރުކަޒުން އެގޮތަށް އެންގި ކަމުގައި ވިޔަސް ސްކޫލްގެ ކިޔެވުން ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ސްކޫލުން ބެލެނިވެރިންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.